6 hours ago
ދިވެހި ފުޓްބޯޅައިގެ މައި-އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އިތުރު ދައުވާތަކެއް އުފުލައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވީ އޭނާގެ މައްޗަށް އުފުލަފައިވަނީ ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ކުށުގައި ކަމަށެވެ.
ޕީޖީ އޮފީހުން ހާމަކުރައްވާފައިވާގޮތުގައި އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރަށް ހިނާތްތެރިވެފައިވާތީ ހިޔާނަތްތެރިވުމުގެ ދައުވާ މިހާރުވަނީ އުފުލާފައެވެ.
ބައްސާމުގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލުމުގެ ހުކުމެއް އިއްވާނެއެވެ.
މީގެއިތުރުން އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރި އާއި 10 ފާޚާނާގެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭގޮތަށް ދައްކަންޖެހޭ 25 މިލިއަން ރުފިޔާގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާ، އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީ ވެސް ބައްސާމުގެ މައްޗަަށް ވަނީ ދައުވާ އުފުލާފައެވެ.
މަނީ ލޯންޑްރިންގެ އެ ދައުވާ ސާބިތުވެއްޖެނަމަ، އެއްލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ. އަދި ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެއެވެ.
މީގެއިތުރުން އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ބައްސާމް އަތުން 1.2 މިލިއަން ޑޮލަރު ނެގުމާއި އެ ޕެންޓްހައުސް ދައުލަތަށް ނެގުމަށްވެސް އެދިފައި ވެއެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި ޕީޖީ އޮފީހުން ވަނީ ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްފައެވެ. މިިދިޔަ ޖެނުއަރީ މަހު ކުރި އެ ދައުވާގެ މައްސަލައިގެ އަޑުއެހުންތައް މިހާރު ދަނީ ކުރިޔަށެވެ.