ދަރިންގެ މައްޗަށް މައިންބަފައިންނަށް ބަސް ނުބުނެވޭ ހާލަތަށް މުޖުތަމައު ދިއުމަކީ ކަންބޮޑުވުމެއް

5 months ago

އަފްރާހް

މުޖުތަމައުގައި އަދުގެ ޒުވާނުން ޖީލުގެ ހާލަތަށް ބަލާއިރު، ދަރިން ތަރުބިއްޔަތުކުރުމުގެ ޒިންމާގެ މުހިންމުކަން ފެނިގެންދާކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ސިލްސިލާކޮށް ބާއްވަމުންދާ ފޯރަމްތަކުގެ ތެރެއިން ރޭ ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

"ޒަމާނީ ވަޞީލަތްތަކުގެ ތެރޭގައި ހަރުދަނާ ޖީލެއް ބިނާކުރުން" މި މައުޟޫއަށް ވާހަކަދައްކަވަމުން ޑރ. އަލީ ޒާހިރު ވިދާޅުވީ މުޖުތަމައުގައި ނޭއްގާނީ ޢަމަލުތައް އިތުރުވުމާއި، ދަރިންގެ މައްޗަށް މައިންބަފައިންނަށް ބަސް ނުބުނެވޭ ހާލަތަށް މުޖުތަމައު ދިއުމަކީ ކަންބޮޑުވާ ދަރަޖައިގެ ކަމެއްކަމަށެވެ.

"މިހާލަތު ބަދަލުކުރުމުގައި މައިންބަފައިން، މަދަރުސާ، މުޖުތަމަޢު، އަދި ކަމުއޮށިވެގެންވާ މީހުންގެ ޒިންމާ އެބައޮތް. އަނގައިން ބުނެދޭ އެއްޗެއްގެ ބަދަލުގަ ހެޔޮ ޢަމަލުތަކަށް ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހޭ." ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.

މީގެ އިތުރުން މައިންބަފައިން ވެސް ދަރިން ތަރުބިއްޔަތުކުރުމުގައި ކަމެއް ކުރާށޭ ބުނުމުގެ ބަދަލުގައި، އެ ހެޔޮ ޢަމަލު ކުރުމުގެ އަޚްލާގު އަމިއްލަ ގައިގައި އަށަގަންނުވާ ނަމޫނާ ދައްކަންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ.

ހަމަމިއާއެކު ދަރިން ތަރުބިއްޔަތުކުރުމަކީ އެމީހަކު ބޭނުން ގޮތަކަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ޑރ. އަލީ ޒާހިރު ވަނީ ދަރިން ކިތަންމެ ބޮޑުވިއަސް، އެމީހުން ގޯސް މަގަކުން ދާނަމަ ހެޔޮމަގަށް ރުޖޫއަކުރުމަކީ މައިންބަފައިންގެ ޒިންމާއެއްކަން ވެސް ހަނދާންކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު