ކަޕޫރްތަލާ ސިޓީގައި ބޭރަށް ހިންގުން އިތުރުވަނީ

2 months ago

ސާއި

އިންޑިއާގެ ކަޕޫރްތަލާ ސިޓީގައި ބޭރަށް ހިންގުމުގެ ރޯގާ އިތުރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފިއެވެ.


އެގައުމުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ފާއިތުވެދިޔަ ދެ ދުވަހުގެ ތެރޭގައި 60 މީހުންނަށް މި ރޯގާ ޖެހިގެން ވަނީ ރިޕޯޓުކޮށްފައެވެ.


ރިޕޯޓުތައް ބުނާގޮތުން މި ރޯގާގެ ސަބަބުން މިހައިތަނަށް ދެ މީހުން މަރުވެފައިވާއިރު، ބައެއް ސަރަހައްދުތަކުގައި ވަނީ ބިމުއަޑިން ޕަމްޕު މެދުވެރިކޮށް ނަގާ ފެން ފޯރުކޮށްދިނުން ވެސް ހުއްޓާލާފައެވެ. އެގޮތުން ބަކްކަރްޚާނާ ޗޯކް، މެހެތާބްގަރް، ސުންދަރުނަގަރު އަދި މެހެންދީ ޗޯކް ސަރަހައްދުން އެ ހިދުމަތް މިހާރުވަނީ ހުއްޓާލާފައެވެ.


ބޭރަށް ހިންގުމުގެ ރޯގާގައި އެންމެފުރަތަމަ މީހަކު މަރުވީ ހުކުރު ދުވަހު ކަމަށާއި އެއީ އަންހެނެއް ކަަމަށް ވެސް ޚަބަރުތައް ބުނެއެވެ. އަދި ހޮނިހިރު ދުވަހު 4 އަހަރުގެ ކުޑަކުއްޖެއް މަރުވެގެން ރިޕޯޓުކޮށްފައިވާކަމަށް ބުނެއެވެ.


އެ ސިޓީގެ ސިއްހީ މާހިރުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ބިމުގެ އަޑީގައި ހުރި ފެނުގެ ޕައިޕްލައިންތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް މަރާމާތު ކުރުމުގެ މަސައްކަތް ކަމާއިބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަކަމަށެެވެ.


ކިޔުންތެރިންގެ ހިޔާލު