މާޖަހަން ދަސްކޮށްދޭ ޕްރޮގްރާމެއް އިސްރަށްވެހިންނަށް

2 months ago

އަފްރާހް

މާޖަހަން ދަސްކޮށްދޭ ޕްރޮގްރާމެއް އިސްރަށްވެހިންގެ ނާދީގައި ފަށައިފިއެވެ.


މިއީ އުމުރުން 55 އަހަރުން މަތީގެ އިސްރަށްވެހިންގެ ތެރެއިން އަތުން މާޖަހާ، ވިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.


ކޮންމެ ހަފުތާގެ ކޮންމެ އަންގާރަ ދުވަހެއްގެ ހަވީރު 4 ން 6 އަށް އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދާ މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ޖުވައިރިޔާ ވަޖުދީ (ޖުވޭ) އެވެ.


ޖުވޭ ފާހަގަކުރެއްވިގޮތުގައި މި ޕްރޮގްރާމުގެ ތެރެއިން ގާތްގަނޑަކަށް 35 ބާވަތުގެ މަސައްކަތް ދަސްކޮށްދެމުންދާނެއެވެ. އަދި ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވުމުން އެހެން ކްލާސްތައް ކުރިއަށް ގެންދިއުމަށް ވެސް އެދިލައްވާކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވިދާޅުވެއެވެ.


މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތައް ފާހަގަކުރިގޮތުގައި މި ހަރަކާތުގެ ތެރެއިން ވަރަށް ގިނަ އައު ހުނަރުތައް ދަސްވަމުންދެއެވެ. އަދި މި ޕްރޮގްރާމަކީ އަންހެން ބޭފުޅުން ބައިވެރިވާން ވަރަށް ރަނގަޅު ޕްރޮގްރާމެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.


އެއާއެކު، މިއީ ކުރިން މިފަދަ މަސައްކަތުގައި އުޅެފައި ތިބި ފަރާތްތަކުގެ ހުނަރުތައް އައު ކޮށްލާ، ކުރީގައި ދަސްކޮށްފައި ހުރި އެއްޗެހި އަލުން ހަނދާންކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެއްކަން ވެސް ބައިވެރިން ފާހަގަކުރެއެވެ.


މި ޕްރޮގްރާމުގައި ބައިވެރިވުމަށް އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 އަށް ގުޅުއްވައިގެން އަދި ޕްރޮގްރާމު އޮންނަ ގަޑިއަށް އިސްރަށްވެހިންގެ ނާދީއަށް ޒިޔާރަތްކޮށްލައިގެން ވެސް ނަންނޯޓު ކުރެވޭނެއެވެ.


މިފަދަ ކޮންމެ ޕްރޮގްރާމެއްގައި ވެސް ގިނަ އަދަދެއްގެ އިސްރަށްވެހިން ބައިވެރިވުމަކީ އިސްރަށްވެހިންގެ ނާދީގެ އެދުމެކެވެ. 


ކިޔުންތެރިންގެ ހިޔާލު