1 month ago
ހުޅުމާލޭގައި މާދަމާ ބާއްވާ ދިރާގު މޯލްޑިވްސް ރޯޑު ރޭހުގެ ފަސްޓް އެއިޑް ޕާޓްނަރއަކަށް މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) ހަމަޖައްސައިފިއެވެ.
ދިރާގުން ހާމަކުރައްވާފައިވާ ގޮތުގައި މި ދުވުން ކުރިއަށްދާ ވަގުތުތަކުގައި ދުވުންތެރިންނަށް ބޭނުންވާ ސިއްހީ ފުރަތަމަ އެހީ ދިނުމުގައި އެމްއާރްސީގެ ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެބޮޑު ހަރަކާތުގެ ހޮސްޓިންގ ޕާޓްނަރއަކަށް އެޗްޑީސީ ހަމަޖައްސާފައިވާއިރު، ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ.
މިދުވުން ހިނގަމުންދާ ވަގުތުތަކުގައި ހުޅުމާލޭގެ ފިތުރޯނު މަގާއި މިދިލި މަގާއި ހައިވަކަރުމަގާއި އޯކިޑްމާ ހިނގުމާއި ކުރެދިމާ ހިނގުމުގެ ބަޔަކާއި ރީތިގަސް މަހުގެ ބައެއް ސަރަހައްދުތައް ބަންދުކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ނިންމާފައެވެ.
މީގެއިތުރުން މިމަގުތަކާއި ގުޅިފައިވާ ބައެއް މަގުތަކުގެ ޓްރެފިކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. މިގޮތުން ރީތިގަސް މަގުގެ ސައިމާ ހިނގުމުން ދެކުނު އެއްކޮށްޅަށް ދުއްވާ ގޮތަށް ބަދަލުކުރުމާއި ބަނަފްސާ ހިނގުމާއި ކުރިކީލަމަގު އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެފައިވަނީ މި ބަދަލުތައް ގެންނާނީ 25 އޮކްޓޫބަރ (މާދަމާ) ގެ ފަތިހު 4 ން ހެނދުނު 9:15 އަށާއި ހަވީރު 3:30 އިން ފެށިގެން އިރުއޮއްސި 6:15 އަަށް ކަމަށެވެ.
ޓްރެފިކަށް އަންނަ ބަދަލުތަކުގެ އިތުރުން ރޯޑްރޭސްގައި ބައިވެރިވާ ފަރާތްތަކުގެ ވެހިކަލްތައް ޕާކުކުރާނެ ސަރަހައްދުތައް ވެސް މިހާރުވަނީ ކަނޑައަޅާފައެވެ.
ދިރާގުގެ މި ދުވުމަކީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހަމައެކަނި ދުވުން، ޑީ.އެމް.އާރް.އާރްގައި މިއަހަރު 4،400 ދުވުންތެރިން ބައިވެރިވާނެއެވެ. މި ރޭހުގެ ހާފް މެރެތަން އަދި 10ކޭ ރޭސްތައް ކުރިއަށް ދާނީ ހެނދުނުގެ ވަގުތުތަކުގައެވެ. އަދި 5ކޭ ރޭސް ކުރިއަށްދާނީ ހަވީރު 4:30 ގައެވެ.