ރައީސް އެންމެފަހުން އައްޔަންކުރެއްވި ތިން މިނިސްޓަރުންނަށް ކޮމެޓީން ރުހުން ދީފި

3 hours ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް އެންމެފަހުން އައްޔަންކުރެއްވި ތިން މިނިސްޓަރުންނަށް ުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.


އެ ތިން މިނިސްޓަރުންނަކީ ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޑރ. އަބްދުﷲ ޚަލީލާއި، ފިނޭންސް މިނިސްޓަރަކަށް އައްޔަންކުރެއްވި މޫސާ ޒަމީރު އަދި ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ނާޒިމްއެވެ.


މި ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާގުންނެވެ. އަދި މި ތިން މެމްބަރުންނަކީވެސް މީގެ ކުރިންވެސް ވަޒީރުކަން ކުރައްވާފައިވާ ގާބިލް ބޭފުޅުންނެވެ.


ގާނޫނުގައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލެއް ގެންނެވި ނަމަވެސް އަދި ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެއެވެ.


ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވާފައިވާ ޑރ. ޚަލީލު ކުރިން ހުންނެވީ ހެލްތު މިނިސްޓްރީގައެވެ. އަދި މޫސާ ޒަމީރު ކުރިން ހުންނެވީ ފޮރިން މިނިސްޓްރީގައެވެ.


ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރައްވާފައިވާ އަބްދުﷲ ނާޒިމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީގެ މަގާމުގައެވެ.


ރައީސް، އެމަނިކުފާނުގެ ކެބިނެޓަށް ބަދަލު ގެންނެވީ މިދިޔަ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ތިން މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވީ މި މަހު 14 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު