އެންގޯލާއިން ރާއްޖެއަށް ފުރަތަމަފަހަަރަށް ސަފީރެއް ކަނޑައަޅުއްވައިފި

2 months ago

އަފްރާހް

ރާއްޖެއާއި އެންގޯލާ އާއިދެމެދު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.


މި މަޝްވަރާ ބާއްވާފައިވަނީ އެގައުމުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލެންސީ ކްލެމެންޓޭ ޕޭދްރޯ ފްރާންސިސްކޯ ކަމީޔާ އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ.


މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.


ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފައެވެ.


އެ ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި މިއީ އެންގޯލާ ސަރުކާރުގެ ސަފީރެއް ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، މިއާއެކު އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާ ހިމެނޭހެން ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.


ރާއްޖެއާ އެންގޯލާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2020 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ.


އެންގޯލާގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. އެންގޯލާގެ ސަފީރު ހުންނަވާނީ އިންޑިއާގެ ނިއުދިއްލީ ގައެވެ.


ކިޔުންތެރިންގެ ހިޔާލު