އީޔޫ އިން ރާއްޖޭގެ ތަރައްގީ އަށް ވެދޭ އެހީތެރިކަމަށް ރައީސްގެ ޝުކުރު

2 months ago

އަފްރާހް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރުއަދާކުރައްވައިފިއެވެ.


އެމަނިކުފާނު މި ޝުކުރުއަދާކުރެއްވީ އީޔޫ އިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސަލެންސީ މަރިއާ ކާމެން މޮރޭނޯ ރޭމަންޑޯ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.


އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އެރުވުމުން އެމަނިކުފާނު ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފައެވެ. އަދި އީޔޫ އާއެކު ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.


އެގޮތުން ރާއްޖެއިން އެކްސްޕޯޓްކުރާ މަހުން ނަގާ ޓެރިފް ކުޑަކުރުމަށާއި ބިނާރު ތަރައްގީކުރުމުގެ ދާއިރާ އިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. އަދި ރައީސް ވަނީ ރާއްޖޭގެ ތަރައްގީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.


ރާއްޖެއާ އީ.ޔޫ އާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1983 ވަނަ އަހަރުއެވެ.


ނޮން-ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހުންނަވާނީ ކޮލަމްބޯ ސިޓީގައެވެ.


ކިޔުންތެރިންގެ ހިޔާލު