އަބްދުއްލަތީފް ވަނީ ދިވެހީންނަށް އަމިއްލައަށް އެތައްކަމެއް ކުރެވިދާނެކަން ސާބިތުކޮށްދީފަ: ރައީސް

2 months ago

އަފްރާހް

އަތަމާ އަބްދުއްލަތީފް އަވަހަރާވުމަކީ މުޅި ގައުމަށް ލިބުނު ހިތާމައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އަތަމާ އަބްދުއްލަތީފް މިއަދު މެންދުރު އަވަހަރާވުމާއި ގުޅިގެން ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.


އެ މެސެޖުގައި ވިދާޅުވީ ޢަބްދުއްލަޠީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް) އަވަހާރަވީ ޚަބަރު އަޑުއެހީ ފުން ހިތާމައާއެކުއެކުގައި ކަަމަށެވެ.


މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކަކީ ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވިކަން ފާހަގަކުރައްވައި، ވަނީ ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ ޢަޒުމާއެކު ސާބިތުކޮށްދެއްވި ކަމަށެވެ.


މީގެއިތުރުން ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިގްތިސާދަށް ގެނަސްދެއްވުމުގެ މުހިންމު ހިއްސާދާރެއް ކަަމަށާއި ރައްޔިތުންގެ ލާބަޔާ މަންފާއަށް ހޭދަކުރެއްވުމުގައި އަދި ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި މަދަދުގާރެއް ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ. އަދި ގެއްލިގެން އެދިޔައީ ގައުމަށް ބޮޑެތި މަސައްކަތްތަކެއްކޮށްދެއްވި އަގުހުރި، ތަޖްރިބާކާރު، ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.


އެމަނިކުފާނު މުޅި ގައުމަށް ކުރިމަތިވީ ހިތާމައިގެ މި ދަނޑިވަޅު މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ރައީސް ވަނީ ދުޢާކުރައްވާފައެވެ.


މަރްހޫމް އަބްދުއްލަތީފަށް ވަނީ ޖަމާއަތަށް ފައިދާހުރި ޚާއްޞަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ގައުމީ އިނާމް 1991 ވަނަ އަހަރު ލިބިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު