ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

2 months ago

އަފްރާހް

ސްވިޒަރލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސަލެންސީ ޑރ. ސިރީ ވޯލްޓް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.


ޖުލައި 29 ވީ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާއި ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.


އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އެރުވުމުން އެމަނިކުފާނު ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފައެވެ. އަދި ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.


ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވައި، މައުލޫމާތު ހިއްސާ ކުރައްވާފައެވެ.


ރާއްޖެއާ ސްވިޒަލޭންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުއެވެ. އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވަނީ ނޮން-ރެސިޑެންޓް ސަފީރެކެވެ. އެމަނިކުފާނު ހުންނަވާނީ ކޮލަމްބޯ ސިޓީގައެވެ.


ކިޔުންތެރިންގެ ހިޔާލު