އައްޑޫ ސިޓީގައި ފްލޯޓިންގ ސޯލަރ ޕީވީ ނިޒާމު ގާއިމުކުރާނެ އިންވެސްޓަރުން ހޯދަނީ

5 months ago

އަފްރާހް

އައްޑޫ ސިޓީގެ މޫދުގައި 10 މެގަވޮޓް ސޯލަރ ޕީވީ ޤާއިމުކުރުމަށް އިންވެސްޓަރުން ހޯދުމުގެ ބިޔަ މަޝްރޫޢެއް އިއުލާންކޮށްފިއެވެ.


މިއީ ވަރލްޑް ބޭންކުގެ އެހީގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ އެކްސަލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސައިސްޓެއިނަބަލް އެނާރޖީ - އެރައިސް ޕްރޮޖެކްޓްއިން އިން ހިންގާ މަޝްރޫޢުއެކެވެ.


މި މަޝްރޫގެ ދަށުން ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ކެޕިޓަލް ޚަރަދުކޮށް، 20 އަހަރުގެ މުއްދަތައް ނިޒާމު ބަލަހައްޓައި އެއިން ކަރަންޓް އުފައްދާނީ މަޝްރޫޢުގެ ބީލަން ކާމިޔަބުކުރާ ކޮންޓްރެކްޓަރެވެ. އަދި ކޮންޓްރެކްޓަރ ހޮވާނީ ކޮމްޕެޓެޓިވް ބިޑިންގ ޕްރޮސެސްއެއްގެ ތެރެއިން ބީލަންތަކުގެ އިވެލުއޭޝަން ހަދައި އެ ކުންފުނިތަކުގެ ފަންނީ އަދި މާލީ ގާބިލުކަން މިނެކިރައި، ޤާއިމުކުރާ ސޯލަރ ޕީވީ ނިޒާމުތަކުން އުފައްދާ ކަރަންޓް ދައުލަތައް ވިއްކުމަށް އެއްމެ ކުޑަ ރޭޓެއް ހުށަހަޅާ ކުންފުންނަކަށެވެ.


10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ޕީވީ ނިޒާމުގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓީބަރ 29 އެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޮވޭނެކަމަށް ބެލެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުތެރޭގައެވެ.


ކޮންޓްރެކްޓަރަކު ހޮވައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ތިމާވެށި އަދި އެހެނިހެން ފަންނީ ސަރވޭތައް ނިމި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރު ތެރޭގައެވެ.


ޢަމަލީ މަސައްކަތް ނިމި މި ނިޒާމުތަކުން ކަރަންޓް އުފައްދަން ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2026 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރު ތެރޭގައެވެ. 10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ނިޒާމު ޤާއިމުކުރެވި އެ ނިޒާމުން ކަރަންޓު އުފައްދަން ފެށުމުން ޖުމުލަކޮށް މި ރަށްތަކުގައި ކަރަންޓް އުފެއްދުމަށްޓަކައި ބޭނުންކުރާ ޑީސެލުން އަހަރަކު ގާތްގަނޑަކަށް 4.43 މިލިއަން ލީޓަރު ދަށްވެގެން ދާނެއެވެ. އަދި ދަޢުލަތުން ތެލަށްކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް އަހަރަކަށް 35.5 މިލިއަން ދިވެހިރުފިޔާ ސަލާމަތްކުރެވޭނެއެވެ.


އެރައިސް މަޝްރޫއިން އައްޑު ސީޓިގައި ޤާއިމުކުރާ 10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ގެ އިތުރުން ވޯލްޑް ބޭންކުން ހިންގާ އެސްޕަޔަރ މަޝްރޫއިންވެސް އައްޑޫ ސިޓީގައި 05 މެގަވޮޓްގެ ސޯލަރ ޕީވީ ޤާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް އެބަދެއެވެ. އެހެންކަމުން އެސްޕަޔަރ އަދި އެރައިސް މަޝްރޫޢޫގެ ތެރެއިން 13 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމު އައްޑޫ ސިޓީގައި ޤާއިމުވެގެންދާނެއެވެ. މި މަޝްރޫޢުތަކުން ސޯލަރ ހަކަތައިން ކަރަންޓް އުފައްދަން ފެށުމުން ރާއްޖޭގެ ތެލަށްކުރާ ހޭދަ 46.2 މިލިއަން ދިވެހިރުފިޔާ އަހަރަކު ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ.


އެރައިސް މަޝްރޫޢަކީ ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކޮށް އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ރާއްކާކުރެވޭނެ ބެޓަރީ އެނަރޖީ ސްޓްރޯހޖް ސިސްޓަމްތައް ގާއިމުކޮށް ރަށްރަށުގެ ކަރަންޓް ވިއުގަތައް ޒަމާނީ ފެންވަރަށް ތަރަތއްގީ ކުރުމަށް ބޭރޫގެ އެހީއާއި އެކު މިނިސްތްރީން ހިންގާ މަޝްރޫޢެކެވެ.


މި މަޝްރޫއިން ރާއްޖޭގެ އެކި ރަށްރަށުގައި 36 މެގަވޮޓްގެ ސޯލަރ ޕީވީ ގާއިމުކޮށް 40 މެވޮޓް އަވާގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ 19 ރަށެއްގެ ކަރަންޓް ވިއުގަވެސް މި މަޝްރޫޢުގެ ތެރެއިން އަޕްގްރޭޑްކޮށް ޒަމާނި ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.  


ކިޔުންތެރިންގެ ހިޔާލު