މޮނިއުމެންޓުގެ ހިއްސާދާރަކަށް ވުމުގެ ފުރުސަތު މަޖީދިއްޔާގެ މުސްކުޅި ހުރިހައި ދަރިވަރުންނަށް އެބައޮތް: އަފްޢާލް

2 months ago

އަފްރާހް

ރާއްޖޭގައި އެންމެ ދުވަސްވީ ތައުލީމީ ބިނާ ކަމުގައިވާ މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރުމުގެ މުނާސަބާގައި ހަދާ މޮނިއުމެންޓުގައި އެ ސްކޫލުގެ ހުރިހައި މުސްކުޅި ދަރިވަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށް މމދ ޖަމިއްޔާ އިން ވިދާޅުވެއްޖެއެވެ.


މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ (މމދ ޖަމިއްޔާ) ގެ ރައީސް އަހްމަދު އަފްޢާލް 'އޮއިވަރު' އަށް ވިދާޅުވީ އެ ފުރުސަތު ހުރިހައި މުސްކުޅި ދަރިވަރުންނަށް ހުޅުވައިލާފައިވާ ކަމަށާއި ކިތަންމެ ކުޑަ އެހީތެރިކަމަކީ ވެސް މިކަމަށް ވެދެވޭ ވަރަށްބޮޑު އެހީތެރިކަމެއް ކަމަށެވެ.


އެކަމަށް އެހީވުމަށް mmdj.org އަށް ވަދެ، ފެނިވަޑައިގަންނަވާ ކިއުއާރް ކޯޑު ސްކޭން ކުރުމުން ފައިސާ ދައްކަން ޖެހޭގޮތް ފެންނަން ހުންނައިރު، އެ ފަންޑަށް ފައިސާ ޖަމާކޮށްފައިވާ އަދަދާއި އިތުރަށް ބޭނުންވާ އަދަދު ވެސް ފެންނަން ހުންނާނެ ކަމަށް އަފްޢާލް ވިދާޅުވިއެވެ.


"އަޅުގަނޑުމެންގެ ބޭނުމަކީ މިކަމުގަ ހުރިހާ އެންމެންގެ ބައިވެރިވުން ވެސް އޮންނަން. މާނައަކީ މިކަމަށް ކޮންޓްރިބިއުޓް ކުރާކަށް ވަކި ވަރެއް ނެތޭ. އެމީހަކަށް ދެވެން އޮތް މިންވަރެއް ދިނީމަ އޯކޭ އޭ. އަދި މިއީ މަޖީދިއްޔާ ސްކޫލުގެ ތާރީޚު އަންނަން އޮތް ޖީލަަށް ދައްކަން ލިބޭ ރަނުގެ ފުރުސަތެެއް ވެސް މެ." އަފްޢާލް ވިދާޅުވިއެވެ.


މީގެއިތުރުން އަފްޢާލް ވިދާޅުވީ މި މޮނިއުމެންޓް ނިމި، އާންމުކޮށް ހުޅުވައިލުމުން، އޭގެކައިރިން ދާއިރު، މަޖީދިއްޔާ އިން ކިޔެވުމުގެ އުފަލާއި ޝަރަފް ލިބިފައިވާކަމުގެ އުފާވެރި އިހްސާސް ވެސް ކުރެވޭނެ ކަމަށެވެ. އަދި ކާފަދަރިންނާއި އާއިލާ މީހުން ގާތުގައި ވެސް 'އަހަންނަކީ ވެސް' މި ބިނާގެ ހިއްސާދާރެއް ކަމަށް ބުނުވުމުގެ ފަޚުރު ވެސް ލިބޭނެކަމަށެވެ.


މަޖީދިއްޔާ ސްކޫލަށް ގަރުނެއް (100 އަހަރު) ފުރޭ މުނާސަބާއާއި ގުޅުވައި، 1000 ދުވަހުގެ ކައުންޓްޑައުނެއް ފަށާފައިވާއިރު، މިއުޒިކް ޝޯވއެއް ވެސް ވަނީ ބާއްވާފައެވެ. މިއީ އެ ސްކޫލުން ތައުލީމު ހާސިލުކުރި ދަރިވަރުން އިސްނަގައިގެން ބޭއްވި ޝޯވއެކެވެ. މިފަދަ އިތުރު ޝޯވއެއް މުސްތަގުބަލުގައި ވެސް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު