ޓޯޗަރގެ ބާވަތްތަކާއި ޢަމަލުތައް، ގާނޫނީ ނަޒަރަކުން

2 months ago

އަފްރާހް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 54 ވަނަ މާއްދާގައިވަނީ އެއްވެސް މީހަކަށް، ރަހުމުކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލެއް ނުވަތަ އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް ހިންގައިގެން ނުވާނެކަމަށް ބަޔާންކޮށްފައެވެ.


މީގެ އިތުރުން "އެންޓި ޓޯޗަރ ޤާނޫނު" އަކީ ދިވެހިރާއްޖޭގައި އަނިޔާ، ނުވަތަ "ޓޯޗަރކުރުން" މަނާކުރުމާއި ހުއްޓުވުމާއި، ކޮންމެ އިންސާނަކީ އިންސާނަކަށް ވީތީ ލިބިގެންވާ އިންސާނީ ކަރާމާތެއްގެވެރި މީހެއްކަމުގައި ބަލައިގަނެ، ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާއި، ކޮންމެ ޙާލަތެއްގައިވެސް އިންސާނީ ހައްޤުތަކަށް އިޙްތިރާމްކުރާނެކަން ކަށަވަރުކުރުމަށް ވުޖޫދުކުރެވިފައިވާ ޤާނޫނެކެވެ.


ކުރު ގޮތަކަށް ދަންނަވާނަމަ ޓޯޗަރ އަކީ ރަޙުމް ކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލުތަކެވެ. އަދި ދައުލަތުގެ މުވައްޒަފަކު، ނުވަތަ އެ މުވައްޒަފެއްގެ އަމުރަށް ނުވަތަ އެ މުވައްޒަފެއްގެ ރުހުމާއެކު ނުވަތަ އެ މުވައްޒަފެއްގެ އެނގުމުގައި، ނުވަތަ އަމިއްލަ ފަރާތްތަކުން މާއްދީގޮތުން ނަމަވެސް ނުވަތަ ނަފްސާނީގޮތުން ނަމަވެސް، ވޭންދިނުމަށް ނުވަތަ ވޭން އިޙުސާސްކުރުވުމަށް ކުރާ ކަންކަމެވެ. ނުވަތަ ހިންގާ ޢަމަލެވެ. ޓޯޗަރ އިން މިނިވަންވެގެން ވުމަކީ ދިވެހިރާއްޖޭގައި ކޮންމެ މީހަކަށްވެސް ލިބިގެންވާ މުޠްލަޤް ޙައްޤެކެވެ.


މި ޤާނޫނުގެ ދަށުން ޓޯޗަރގެ ޢަމަލު ޖިނާއީ ވަކި ކުށެއްގެގޮތުގައި ބެލެވޭނެއެވެ. މި ޤާނޫނުގެ ދަށުން ޓޯޗަރގެ ޢަމަލު ބެހިގެންވަނީ، "މާއްދީ އަނިޔާ" އާއި "ނަފްސާނީ އަނިޔާ" މި ދެބަޔަށެވެ.


މިގޮތުން މާއްދީ އަނިޔާ އަކީ މުޅި ހަށިގަނޑަށް ނުވަތަ ގުނަވަނަކަށް ތަދު/ވޭން އިހްސާސް ކުރެވި ނުވަތަ ވަރުބަލިވެ ނުވަތަ ބަލިކަން ގެނުވައި ނުވަތަ ހަށިގަނޑު/ގުނަވަން މަސައްކަތް ކުރަންޖެހޭ ގޮތަށް ނުކުރާނެގޮތް ހެދުމަށް ކުރާ ކަންކަމެވެ. މިސާލަކަށް އެއްވެސް ގޮތަކަށް އަނެކާގެ ގައިގައި ޖެހުން (ގޮއްމުށުން ނުވަތަ އެއް ބޭނުން ކޮށްގެން)، ކަރަންޓު ނުވަތަ ސިނގިރެޓް ޖެއްސުން، ޑޮކްޓަރު ދީފައި ނުވާ ބޭސް ދިނުން، ޖިންސީ ގުނަވަނެއްގައި ޖެހުން ނުވަތަ ޖިންސީ ޢަމަލެއް ހިންގުންފަދަ ކަންކަން ހިމެނެއެވެ.


ނަފްސާނީ އަނިޔާގެ ތެރޭގައި ހިމެނެނީ ސިކުޑި ހާސްކޮށްލުމަށް، ހަމަވިސްނުން ގެއްލުވާލުމަށް، ބިރުދެއްކުމަށް ނުވަތަ ބަޖުބުރުކުރުވުމަށް ނުވަތަ ނިކަމެތިކޮށް ލަދުގަންނުވާލުމަށް ކުރާ ކަންކަމެވެ. މިސާލަކަށް ބިރުދެއްކުން، ޢާއިލާއާ ވާހަކަ ދެއްކުން މަނާކުރުން، ވަކީލަކާ ވާހަކަ ދެއްކުން މަނާކުރުން، ނިދިޔަ ނުދިނުން ފަދަ ކަންކަމެވެ.


ޓޯޗަރގެ ޢަމަލު މީހަކާމެދު ހިންގި މީހާގެ އިތުރުން އެ ޢަމަލު ހިންގުމުގައި ބައިވެރިވި މީހާއާއި އެ ޢަމަލު ހިންގުމުގައި އެހީތެރިވި މީހާވެސް ބެލޭނީ ޓޯޗަރގެ ޢަމަލު ހިންގި މީހެއް ގޮތަށެވެ.


މާއްދީ އަނިޔާއެއް ކަމަށް، ނުވަތަ ނަސްފާނީ އަނިޔާއެއް ކަމަށް، ނުވަތަ ރަޙުމުކުޑަ ލާއިންސާނީ އިހާނެތި ޢަމަލެއްކަމަށް، ނުވަތަ އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއްކަމަށް ބަޔާންކޮށްފައިވާ ޢަމަލެއް މީހަކާމެދު ހިންގުމަކީ، ހުރިހާ ޙާލަތެއްގައިވެސް، މި ޤާނޫނުގެ ދަށުން، ޖިނާޢީ ކުށެކެވެ.


ކިޔުންތެރިންގެ ހިޔާލު

ޝުބް

ޓޯޗަރ މަޤުޞަދުގެ ގޮތުން ބަލާނަމަ މާރާމާރީއާއި އެހެނިހެން އަނިޔާތަކާއި ތަފާތުވާނެ ހާލަތުގެ ގޮތުން. ޖެނެރަލްކޮށް ނަމަ ބަޔާންވެފައިވާ ހުރިހާ ކަމަކީ ވަކިން ބަޔާންކުރެވިފައިވާ ކުށްތައް

2 months ago