މަގޫދޫގައި ބުޑު ފޮތި ޕްރޮގްރާމް ފަށައިފި

2 months ago

އަފްރާހް

ނ. މަގޫދޫގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މަގޫދޫގައި އެއްފަހަރައްވުރެ ގިނައިން ބޭނުންކުރެވޭ، ނުވަތަ ރީޔޫސެބެލް، ނެޕީ ބޭނުންކުރުމަށް ބާރުއަޅާ 'ބުޑު ފޮތި' ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ.


ބުޑުފޮތި ޕްރޮގްރާމަކީ މަގޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށު ކައުންސިލާއި، ސިއްޙީ މަރުކަޒުގެ އިސްނެގުމާއެކު، ސޮނެވާ ނަމޫނާގެ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.


ބުޑުފޮތި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ރަށުގައި އުފެދޭ ނެޕީ ކުނި މަދުކޮށް، ރަށަށް އެތެރެ ކުރެވޭ ޑިސްޕޯޒަބަލް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ނެޕީ މަދުކޮށް އަދި މުޖުތަމަޢުގައި ރީޔުސަބަލް ނެޕީ ބޭނުންކުރުމުގެ ސަޤާފަތެއް އާލާކުރުމެވެ.


3 މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ރަށުގައި މިވަގުތު ތިބި ނެޕީ ޖަހާ ހުރިހާ ކުދިންނާއި އެކުދިންގެ އާއިލާތަކުން ބައިވެރިވެއެވެ. އެއީ ޖުމްލަ 32 އާއިލާއެވެ. 


ބުޑު ފޮތި ޕުރޮގްރާމް ލޯންޗްކުރުމަށް ބޭއްވި ހަރަކާތުގައި ކޮންމެ އާއިލާއަކަށްވެސް ރީޔުސަބަލް ނެޕީ ކިޓެއް ހަވާލުކޮށް އެކިޓް ބޭނުންކުރާނެ ގޮތުގެ މަޢުލާމޫތު ދެވުނެވެ. އަދި ދަރިންނަށް ރައްކާތެރި ސިއްޙަތާއި ވެއްޓެއް ކަށަވަރުކުރުމަށް މަސައްކަތްކޮށް އެކަމަށް ބާރުއަޅާ އާދަތައް އިސްކުރުމައް އެއްބަސްވެ ޕްލެޖެއްގައި ޕްރޮގްރާމްގެ ބައިވެރިން ސޮއި ކުރިއެވެ. 


މީގެއިތުރުން މި ރީޔުސަބަލް ނެޕީ ޓްރައިލްއަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމައްޓަކައި ބައިވެރިވާ މެންބަރުން ހިމެނޭ ސަޕޯޓް ގްރޫޕެއް އިވެންޓްގައި އިފްތިތާޙް ކުރެވުނެވެ. މި ގްރޫޕްގެ ބޭނުމަކީ ބައިވެރިންގެ ރީޔުސަބަލް ނެޕީގެ ތަޖުރިބާ އެހެން ބައިވެރިންނާ ހިއްސާކޮށް، އެކަކު އަނަކަކުގެ ކިބައިން ދަސްކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ފުރުސަތު ފަހިކުރުމެވެ.


މި ޕްރޮގްރާމްގެ ތެރެއިން މަގޫދޫގެ ރީޓެއިލް ފިހާރަތަކައް ރީޔޫޒް ކުރެވޭ ނެޕީއާ ބެހޭ މައުލޫމާތު ފޯރުކޮށްދީ، ރީޔޫޒް ކުރާ ނެޕީ ސަޕްލައި ކުރާފަރާތެއް ކަމުގައިވާ ޒީރޯ ވޭސްޓް މޯލްޑިވްސް އަށް ތަޢާރަފް ކުރެވޭނެއެވެ. މީގެ މަޤްޞަދަކީ މަގޫދޫގައި ރީޔުސަބަލް ނެޕީ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެގޮތް ފަހި ކުރުމެވެ.


ބުޑު ފޮތި ޕްރޮގްރާމަށް ތައްޔާރުވުމުގެ ގޮތުންމިވަގުތު ރަށުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ނެޕީ ބޭނުންކުރާ ގޮތާއި ގުޅޭ ސާވޭއެއް ކޮށް އެ ކަމާ ބެހޭ މަޢުލޫމާތު އެއްކުރެވުނެވެ.


ކިޔުންތެރިންގެ ހިޔާލު