ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޕާކިސްތާނުން ފުރުސަތު ހޯދައިދެނީ

2 months ago

އަފްރާހް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޕާކިސްތާނުން ފުރުސަތު ހޯދައިދިނުމަށް މަޝްވަރާތަކެއް ކޮށްފިއެވެ.


އެގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވަނީ ރާއްޖޭގައި ހުންނަޕާކިސްތާނުގެ އެމްބަސީގައި ބައްދަލުވެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ހައި ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނނެވީ ޑެޕިއުޓީ ހެޑް ޒުލްގަރްނައިން އަޙްމަދް އެވެ. މިނިސްޓްރީގެ ފަރާތުން ބައިވެރިވަޑައިގަތީ ނައިބު އައިމިނަތު ނަމްޒާ އާއި ޕްރޮގްރާމް އޮފިސަރ ޢައިޝަތު ސާހާ ސޮބާހްއެވެ.


މި ބައްދަލުވުމުގައި ލަހޯރގައި ހުންނަ ބީކަންހައުސް ޔުނިވަރސިޓީން ސާރކް ގައުމުތަކުގެ ދަރިވަރުންނަށް އާރޓް އަދި ޑިޒައިން ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ދެވޭ ފުރުސަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މިފަދަ ހުނަރުވެރި ކުދިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.


މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީތަކުގެ ތެރެއިން ބިހޭވިއަރަލް ތެރަޕީއަށް ހާއްސަ ތެރަޕިސްޓުންނާއި އެނަލިސްޓުން ތަމްރީނުކުރުމުގައި މި ދާއިރާގައި މަސައްކަތް ކުރަމުންދާ ޕާކިސްތާނުގެ ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް ވެސް މަޝްވަރާކުރެއްވިއެވެ.


ހަމަމިއާއެކު ޕާކިސްތާނުގެ ހައި ކޮމިޝަނާއި ގުޅިގެން ކުރިއަށްގެންދިޔަ "ގެވެށި ގުޅުން" ކެމްޕެއިން އަލުން މުރާޖާކޮށް، އައު ޕްލޭންތަކަކާއެކު އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގްރޫޕްތަކާ އެކީގައި ކުރިއަށް ގެންދިއުމަށް ވެސް ވާހަކަދެކެވުނުކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.


ނައިބު އައިމިނަތު ނަމްޒާ ފާހަގަކުރެއްވި ގޮތުގައި މި ބައްދަލުވުން ވެގެންދިޔައީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމަކަށެވެ. އަދި ޕާކިސްތާނު ހައި ކޮމިޝަނާއި ގުޅިގެން މުހިންމު، ދެމެހެއްޓެނިވި މަސައްކަތްތަކެއް ވަރަށް އަވަސް މުސްތަގްބަލެއްގައި ފެށިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.


އިބަމަ ގްރޫޕުތަކާއެކު މި މަސައްކަތްކުރުމުގެ މަގްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި، މެދު ކެނޑުމެއްނެތި މިފަދަ އިޖުތިމާޢީ ރައްކާތެރިކަމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބާރުއެޅުމެވެ. "ގެވެށި ގުޅުން" ކެމްޕެއިނަކީ ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކޮށް، އެފަދަ އަނިޔާ ލިބެމުންދާ ފަރާތްތައް ރައްކާތެރިކޮށް، ގެވެށި އަނިޔާއާ ގުޅޭ ގޮތުން މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކުރުމަށް 2022 ވަނަ އަހަރު ކުރިއަށްގެންދެވުނު ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު