ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރަށް އެއްބާރުލުން ދޭނަން: ގަވަރުނަރު

2 months ago

އަފްރާހް

މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ މަގާމަށް ދަފްތަރު. ނަންބަރު ރސ 13099، އަލްފާޟިލް އަޙްމަދު މުނައްވަރު، ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ.


މި މަގާމަށް މުނައްވަރު އައްޔަންކުރެއްވީ ގާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ 6 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައިވާ ގޮތުގެމަތިންނެވެ.


މަގާމުގެ ލިޔުން ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.


މި ރަސްމިއްޔާތަށްފަހު ރައީސް، މުނައްވަރާއި ބައްދަލުކުރައްވާ ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ފައިނޭންސްގެ ދާއިރާއާއި ގުޅޭ އެހެން މުވައްސަސާތަކާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއެޅުއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި ގަވަރުނަރު ވިދާޅުވީ ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ.


އަޙްމަދު މުނައްވަރު ގަވަރުނަރުގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން 12 ޑިސެންބަރު 2023 އިން 22 ޖުލައި 2024 އާ ހަމަޔަށް ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައެވެ. އަދި އަޙްމަދު މުނައްވަރު މީގެ ކުރިން ވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމުގެ މަގާމުވެސް އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު