ހަބީބު، އެޗްއާރްސީއެމް މެމްބަރުކަމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

2 months ago

އަފްރާހް

އެޗްއާރްސީއެމްގެ މެންބަރު ކަމަށް އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.


އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ހަބީބް އައްޔަންކުރަން ފާސްކޮށްފައިވަނީ 74 މެންބަރުންގެ ވޯޓާއެކުގައެވެ. ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓުދެއްވިއެވެ.


އެ ކޮމިޝަންގެ މެމްބަރުކަމުގެ ގޮނޑި ހުސްވީ އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ޑރ. އަހްމަދު އަދުހަމް އިސްތިއުފާދެއްވުމުންނެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހުއެވެ. އެއާއެކު އެ މަގާމަށް މެންބަރަކު އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 15 ވަނަ ދުވަހުއެވެ.


ރިޔާސަތުން އޭނާގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ އަށް ފޮނުވާފައިވާއިރު، ކޮމިޓީއަށް ހާޟިރުކޮށް ހަބީބް އިންޓަވިއުކޮށްފައެވެ. ހަބީބަށް ވަނީ 89 ޕަސެންޓް މާކްސް ލިބިލައްވާފައިވާއިރު، މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ފެންނަ ކަމަށް ކޮމިޓީގައި ހާޟިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު