ރައީސް ޑރ. މުއިއްޒުގެ ހަމްދަރުދީ މޯދީ އަށް

2 months ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.


މިއީ އެގައުމުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއާ ގުޅިގެން ފޮނުއްވި މެސެޖެކެވެ.


އެމަނިކުފާނުގެ މެސެޖުގައި އެ ހާދިސާގައި އެގައުމުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލުނު ޚަބަރާއެކު، ފުން ހިތާމައެއް ލިބިވަޑައިގަތްކަން ވަނީ ހާމަކުރައްވާފައެވެ. އަދި އެތައް ބައެއްގެ ފުރާނައާއި ދިރިއުޅުމާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބުމަކީ ހިތްޕުޅަށް ގެންނަވަންދަތި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ވެސް ވަނީ ސިފަކުރައްވާފައެވެ.


މީގެއިތުރުން ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރިކަމާއިއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި މީހުން ސަލާމަތް ކުރުމުގައި އެ ސަރަހައްދުގައި މިހާރު ކުރިއަށްދާ މަސައްކަތް ކާމިޔާބުކަމާއެކު އަވަސް ފުރުސަތެއްގައި ނިމިގެން ދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.


އެ މެސެޖު ނިންމަވާލައްވާފައިވަނީ މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވައި، ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުން އެދިވަޑައިގަންނަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު