އިންޓަރސްކޫލު ޓީޓީ މުބާރާތް ފަށައިފި

2 months ago

އަފްރާހް

އިންޓަރސްކޫލު ޓީޓީ މުބާރާތް ފަށައިފިއެވެ.


ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން ކުރިއަށްގެންދާ މި މުބާރާތުގައި މިއަހަރު ވަނީ 16 ސްކޫލަކުން ބައިވެރިވެފައެވެ.


މިއަހަރު ބައިވެރިވެފައިވާ ސްކޫލުތަކަކީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލް، ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް، ޣާޒީ ސްކޫލް، ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލެވެ.


މީގެއިތުރުން ހިރިޔާ ސްކޫލް، ހުރަވީ ސްކޫލް، އިމާދުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، މަޖީދިއްޔާ ސްކޫލު ވެސް ބައިވެރިވެފައި ވެއެވެ. އަދި ރެހެންދި ސްކޫލާއި ތާޖުއްދީން ސްކޫލާއި ފުވައްމުލަކު ސްކޫލް އާއި އެ ސިޓީގެ ހާފިޒް އަހުމަދު ސްކޫލު ވެސް ވަނީ ބައިވެރިވެފައެވެ.


ފަސް އުމުރުފުރާއެއްގައި މި ޓީމުތައް ވާދަކުރާއިރު، އެއީ 11 އަހަރުންދަށް، 13 އަހަރުންދަށް 15 އަހަރުންދަށް 17 އަހަރުންދަށް އަދި 19 އަހަރުންދަށެވެ. މި މުބާރާތުގައި އަންހެން 19 ޓީމު އަދި ފިރިހެން 23 ޓީމު ވާދަކުރެއެވެ.


އޯޕަން އިވެންޓުތަކުގައި 11 އަހަރުން ދަށާއި 13 އަހަރުން ދަށުގެ ސިންގަލްސް އެކަނި ކުޅޭއިރު، 15 އަހަރުން ދަށާއި 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ކެޓަގަރީތަކުން، ސިންގަލްސް އާއި ޑަބަލްސް ވެސް ކުޅޭނެއެވެ.


މިފަހަރުގެ މުބާރާތުގައި 600 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރެއެވެ. މުބާރާތް ކުރިއަށް ދާނީ މި ހިނގާ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ޓީޓީ ހޯލުގައެވެ.


ކިޔުންތެރިންގެ ހިޔާލު