އިންސާނީ ހައްގުތަކާއިގުޅޭ ގާނޫނުތައް ނަގަހައްޓަން ޖެހޭ: ފޮރިން މިނިސްޓްރީ

2 months ago

އަފްރާހް

ދުނިޔޭގެ ގައުމުތަކުގެ ބައިނަލްއަގްވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާގުޅޭ ގާނޫނުތައް ނަގަހައްޓަން ޖެހޭކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.


އެ މިނިސްޓްރީން މިފަދައިން ވިދާޅުވީ ޣައްޒާގައި ވެރިކަން ކުރާ ހަމާސްގެ ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުން ކުށްވެރިކޮަށް ނެރުއްވި ބަޔާނުގައެވެ.


އެ ބަޔާނުގައި އީރާންގެ ވެރިރަށް ތަހްރާނަށް ޔަހޫދީ ފައުޖުން ދިން ރަހުމު ކުޑަ ހަމަލާއެއްގައި ހަނިއްޔާ އަވަހާރަކޮށްލުން އެންމެހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ޣައްޒާގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނެސް ސަރަހައްދުގައި ސުލްހަ މަސަލަސްކަން ގާއިމްކުރަން ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލައްވާފައެވެ.


ތަހްރާންގައި ހަނިއްޔާ ހުންނެވި ގެއަށް ޔަހޫދީ ފައުޖުން ހަމަލާ ދީފައި ވަނީ ގައިޑެޑް ޕްރޮޖެކްޓައިލެއް ބޭނުން ކޮށްގެންކަމަށް މީގެކުުރިން ވަނީ ބެލެވިފައެވެ. އެހެންނަމަވެސް މިހައިތަނަށް އެކަން ޔަގީންކުރެވިފައެއް ނުވެއެވެ.


މި ހަމަލާގައި ހަނިއްޔާގެ ހަށިފާރަވެރިޔާ ވެސް ވަނީ ޝަހީދު ކޮށްލާފައެވެ.


ހަނިއްޔާ ޝަހީދު ކޮށްލުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުށްވެރިކުރަމުން އަންނައިރު، ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ) އިން ވަނީ ފަލަސްޠީނުގެ މުސްލިމުން އެއްބައިވަންތަކަން އިސްކޮށް އެކަތިގަނޑަކަށް ވުމަށް ގޮވައިލާފައެވެ.


ކިޔުންތެރިންގެ ހިޔާލު