ހުޅުމާލޭ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

2 months ago

އަފްރާހް

ހުޅުމާލޭ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.


އެ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް ބަންދުކޮށްފައިވާއިރު، ދެން ތިބި ދެ މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.


ޖުލައި 30 ވަނަ ދުވަހު ހުޅުމާލޭ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ނޫރަަންމާގެއާގެ، އިކްރާމުއްރަހްމާން އާއި، މ. ލޭންޑްއޮފްގާރޑްން އިބްރާހީމް އިކްރާމާއި، ގއ. ކަނޑުހުޅުދޫ އާޒާދުގެ، ޖިނާހް އިސްމާޢީލްއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މީގެ ތެރެއިން އިކްރާމުއްރަހްމާނާއި އިބްރާހިމް އިކްރާމްގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ދެމީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ. އަދި އަނެއް މީހާ ހުޅުމާލެ ކޯޓަށް ހާޟިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓްތައް ކައިރީގައި ކާރަކުން ސައިކަލެއްގައި ޖެހި މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއް ފަރާތުގައި ސައިަކލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގާ ޖެހިގެންނެވެ.


މި ހާދިސާގައި ސައިކަލު މަތީގައި އިން މީހާއަށް އެކިވަރުގެ ޒަޚަމްތަކެއް ލިބި، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އިތުރު ފަރުވާއަށްވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. ޒަޚަމްވެފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.


މިއެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ އެކްސިޑެންޓްވުމާއެކު ވަނީ އެ ސަރަހައްދު ދޫކޮށް ފިލާފައެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެމީހާއާއި އިތުރު ދެމީހުން ހައްޔަރުކޮށްފައެވެ. އެއީ އެކްސިޑެންޓޫ ހިނގިވަގުތު ކާރުގައި ތިބި މީހުންނެވެ.


ހުޅުމާލޭގައި ހިނގި މިއެކްސިޑެންޓްވި ކާރަކީ ބީ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ ކާރެކެވެ.


ކިޔުންތެރިންގެ ހިޔާލު