އަމާޒަކީ ހިދުމަތްދޭ ހުރިހާ ތަނެއްގައި ވެސް އިޝާރާތް ބަސް އެނގޭ ބަޔަކު ތަމްރީނުވެފަ ތިބުން: މިނިސްޓަރ

2 months ago

އަފްރާހް

ސައިން ލޭންގުއޭޖް ކޯހުގެ އަމާޒަކީ ހިދުމަތްދޭ ހުރިހާ ތަނެއްގައި ވެސް އިޝާރާތް ބަސް އެނގޭ ބަޔަކު ތަމްރީނުވެ، ހިދުމަތްދެވެން ފެށުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ޕީ.އެސް.އެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.


އެ ވުޒާރާ އިން ސަރުކާރުގެ ސިޔާސަތު ހިއްސާކުރެއްވުމުގެ ގޮތުން ދެއްވި ހާއްސަ ބަސްދީގަތުމުގައި މިނިސްޓަރ ވިދާޅުވީ އިންކްލޫސިވް ސޮސައިޓީއެއް ނުވަތަ އެންމެން އެއްހަމައެއްގައި ތަފާތުކުރުމެއްނެތި ޝާމިލުވާ މުޖުތަމަޢެއް ބިނާކުރުމަށް އެންމެހައި ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް ވަރުގަދަކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.


"މިފަދަ ކޯސްތަކުގެ ޒަރީއާއިން އެ ގުޅުންތައް ބަދަހިވެ، ވަރުގަދަވުމަށް މަގުފަހިވެގެން ދިއުމީ ހާސިލުކުރަން ބޭނުން މަގްސަދު." މިނިސްޓަރ ވިދާޅުވިއެވެ.


މި ކޯހަކީ މިނިސްޓަރ ޑރ. އައިޝަތު ޝިހާމުގެ ސީދާ އިސްނެންގެވުމަށް އެ މިނިސްޓްރީން ފަށައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.


ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާ ކުރެވިފައިވާ މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ލެވެލްއަކަށެވެ. މިގޮތުން ލެވެލް 1 މި އޮގަސްޓު މަހު ފެށުމަށް ނިންމާފައިވާއިރު، ލެވެލް 2 އަދި 3 ވެސް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާކަމަށް އެ ވިޒާރާ އިން ވަނީ މައުލޫމާތު ދެއްވާފައެވެ.


ބޭސިކް ސައިން ލޭންގުއޭޖް ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތުން މުއާމަލާތުކުރުމަށް ފަރުމާ ކުރެވިފައިވާ ކޯހެކެވެ.


މި ކޯހާއެކު، ސަރުކާރުގެ މުއައްސަސާތަކުން ހިދުމަތް ހޯދުމުގައި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ކުރިމަތިވާ ހުރަސްތައް ކުޑަކުރެވި، އެ ފަރާތްތަކަށް ވެސް މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ހަމަޔަށް ވާސިލުވެވޭނެކަމަށް އެ މިނިސްޓްރީން ދެކެވަދައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު