އެމްޑީޕީގެ މާލޭ ދާއިރާގެ ރައީސްކަން އާޒިމް ކަށަވަރުކުރައްވައިފި

2 months ago

އަފްރާހް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަންގައި އެ ޕާޓީގެ މާލޭ ދާއިރާގެ ރައީސްކަމުގެ މަގާމު އާދަމް އާޒިމް ކަށަވަރުކުރައްވައިފިއެވެ.


އެޕާޓީން މިކަން ރަސްމީކޮށް އިއުލާން ނުކުރިނަމަވެސް މިހައިތަނަށް ގުނާފައިވާ ވޯޓިފޮށިތަކުގެ ނަތީޖާ އަށް ބަލާއިރު، މާލޭ ސިޓީގެ މޭޔަރުގެ މަގާމު ވެސް ފުރުއްވާ އާޒިމް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯއްދަވާފައެވެ. އެމަގާމަށް ދެން ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ފަލާހެވެ.


އެމްޑީޕީގެ އެތެރޭގެ އެ އިންތިހާބުގައި 10،683 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ވޯޓުލުން ކުރިއަށް ދިޔައީ މިއަދު މެންދުރުފަހު 2 ން މިރޭ 9 ޖަހަންދެނެވެ.


މި އިންތިހާބުގައި 21 ދާއިރާއަކަށް މެންބަރުން ހޮވުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި މެދުހެންވޭރު ދާއިރާ، ހެންވޭރު އުތުރު ދާއިރާ، ގަލޮޅު އުތުރު ދާއިރާ، މައްޗަންގޮޅި އުތުރު ދާއިރާ ހިމެނެއެވެ. އަދި މާފަންނު އުތުރު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ ވެސް ހިމެނެއެވެ.


މީގެއިތުރުން ހުޅުމާލެ މެދު ދާއިރާއާއި ހުޅުމާލެ އުތުރު ދާއިރާއާއި އިހަވަންދޫ ދާއިރާއާއި ދިއްދޫ ދާއިރާގެ އިންތިހާބު ވެސް ކުރިއަށްދިޔައެވެ. އަދި ކެލާ ދާއިރާއާއި އުނގޫފާރު ދާއިރާއާއިި އިނގުރައިދޫ ދާއިރާއާއި ހުރާ ދާއިރާ، މާމިގިލީ ދާއިރާ، ދަނގެތި ދާއިރާ އަދި ކޮލަމާފުށި ދާއިރާ އާއި ފަރެސްމާތޮޑާ ދާއިރާގެ އިންތިހާބު ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.


ޖުމްލަ 24 ރަށެއްގައި ވޯޓުފޮށި ބަހައްޓާފައިވާއިރު، މާލެ ސަރަހައްދުގެ ވޯޓުލުން ކުރިއަށްދަނީ ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލުގައެވެ. 


ކިޔުންތެރިންގެ ހިޔާލު