ބޭސިކް ސައިން ލޭންގުއޭޖް ކޯހަށް ބޮޑު ތަރުހީބެއް

2 months ago

އަފްރާހް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޭސިކް ސައިން ލޭންގުއޭޖު ކޯހުގައި 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަަމަށް އެ ވުޒާރާ އިން ވިދާޅުވެއްޖެއެވެ.


'އޮއިވަރު' އަށް މައުލޫމާތު ދެއްވަމުން އެ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ މި ކޯހަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ.


މި ހިނގާ އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތުން މުއާމަލާތުކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން ފަރުމާ ކޮށްފައިވާ ކޯހެކެވެ. އަދި މި ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ސުންގަޑި ޖުލައި 28 ވީ އާދީއްތަ ދުވަހަށް ހަމަވެފައިވާއިރު، ކޮންމެ އިދާރާއަކުން ވެސް މަދުވެގެން ދެ ފަރާތުން ބައިވެރިވުމަށް އެ ވުޒާރާ އިން ވަނީ އެދިލައްވާފައެވެ.


ސެލްފް-ޕޭސްޑްކޮށް ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާކޮށްފައިވާ މި ކޯސް ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވަނީ ބެޗުތަކަކަށް ބަހާލައިގެން، ކޮންމެ ބެޗެއްގައި 50 ފަރާތް އެކުލެވޭ ގޮތަށެވެ. މިގޮތުން ފުރަތަމަ މަރުހަލާގައި މި ކޯހުގައި ބައިވެރިވާނީ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުންނެވެ.


އެ ވުޒާރާ އިން ވިދާޅުވީ މި ކޯހުގެ ސަަބަބުން ރައްޔިތުންނަށް ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ.


ކޯސް ކުރިއަށް ގެންދަނީ މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމްގެ އިސްނެންގެވުމުގެ މަތިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކޮށް، އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމަޢުގެ އެކި ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުޞަތު އެފަރާތްތަކަށް ވެސް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.


މިކަމާއިގުޅިގެން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެފައިވަނީ ސައިން ލޭންގުއޭޖް ކޯހުގެ އަމާޒަކީ ހިދުމަތްދޭ ހުރިހާ ތަނެއްގައި ވެސް އިޝާރާތް ބަސް އެނގޭ ބަޔަކު ތަމްރީނުވެ، ހިދުމަތްދެވެން ފެށުންކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު