ދީމާ އެ ދައްކުވައިދިނީ މަސައްކަތްކޮށްފިނަމަ، ކުރެވޭނެކަން: ސައްތާރު

5 months ago

އަފްރާހް

އޮލިމްޕިކްސްއަށް ދާ ފުރަތަމަ ދިވެހި އެތުލީޓް، ފާތިމަތު ދީމާ އަލީ އެ ދައްކުވައިދިނީ ކުރެވޭނެކަން ކަމަށާއި ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ، ވާނޭކަން ކަމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި) ވިދާޅުވެއްޖެއެވެ.


އޭނާ މިފަދައިން ވިދާޅުވީ ދީމާގެ އެ ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މޭ 17 ވަނަ ދުވަހު ބޭއްވި ހާއްސަ އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ.


ސައްތާރު ވިދާޅުވީ މި އައީ އެންމެން ވެސް ވަރަށް ބޭނުންވެގެން އުޅުނު ދުވަހެއް ކަމަށާއި ކުރިން ހީކުރެވިފައި އޮތީ ރާއްޖެއަށް އޮލިމްޕިކްސް އަތުނުވާނެ ކަމަށް ކަމުގައެވެ.


އެހެންނަމަވެސް އެކަން ބަދަލުކޮށް، އުމުރުން 16 އަހަރުގެ ދީމާ ފަޚުރުވެރިކަމާއެކު އެދައްކައިދިނީ ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ، ކުރެވޭނެކަން ކަމަށާއި އެ ދައްކައިދިނީ ވަރަށް ލާމަސީލު މިސާލެއް ކަމަށް ވެސް ސައްތާރު ވިދާޅުވިއެވެ. އަދި އެ މިސާލުގައި ހިފަހައްޓައިގެން ކުރިއަށް ގޮސްފިއްޔާ އޭގެ ފޮނި ނަތީޖާތައް ކުޅިވަރަށް ލިބޭނެ ކަމާއިމެދު ޝައްކެތް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ދީމާގެ މަސައްކަތަކީ ކުޑަ މަސައްކަތެއް ނޫންކަން ފާހަގަކުރައްވައި ވަނީ އެއީ އެތައް ގުރުބާނީއެއް ކަމަށާއި އެތައް ވަގުތެއް އަދި އެތައް ގޮތަކުން ހިތްވަރު ހޯދައިގެން ހޯދި ކާމިޔާބީއެއްކަން ވެސް ފާހަގަކުރެއްވިއެވެ.


އެކަމަށްޓަކައި ދީމާގެ މަންމައާއި ބައްޕަގެ ގުރުބާނީއަށް ޝުކުރު އަދާކުރައްވައި، ޔޫތު މިނިސްޓްރީއާއި ޓީޓީ އެސޯސިއޭޝަނުން ދީމާގެ ކާމިޔާބުގައި އަދާކުރި ދައުރު ވެސް ވަނީ ފާހަގަކުރައްވާފައެވެ.


އޮލިމްޕިކްސް ކޮލިފިކޭޝަން ދީމާ ޔަގީންކުރީ ނޭޕާލުގެ ކަތަމަންޑޫގައި ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްސް 2024 ގެ ދެކުނު އޭޝިއާ ގައުމުތަކުގެ ޓޭބަލް ޓެނިސް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލުގައި ދީމާ ވަނީ ސްރީލަންކާގެ ބިމާންޑީ ބަންޑާރާ 4-1 ސެޓުން ބަލިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު