4 months ago
އިނގިރޭސި ވިލާތުގައި އުޅޭ އަދި ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ.
އެ މިނިސްޓްރީން މިފަދައިން އިލްތިމާސް ކުރައްވާފައި މިވަނީ އެގައުމުގެ ހުޅަނގު އުތުރުގައި ހިމެނޭ ސައުތްޕޯޓުގައި ހިނގި ކުޑަކުދިންގެ ޑާންސް އަދި ޔޯގާ ކްލާހަކަށް ވަޅިން ހަމަލާދިނުމުގެ ހިތާމަވެރި ހާދިސާގައި ތިން ކުޑަ ކުދިން ނިޔާވުމާ ގުޅިގެންނެވެ.
ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވަނީ އެގައުމުގައި މުސްލިމުންނާ ދެކޮޅަށް މިހާރު ހިންގަމުންދާ ސިލްސިލާ މުޒާހަރާތަކާއި ހަރަކާތްތައް އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
މި ހާލަތާއި ގުޅިގެން އެގައުމުގައި ދިރިއުޅޭ ދިވެހިންނާއި އެގައުމަށް ދަތުރުކުރާ ދިވެހިން، ހާއްސަކޮށް ސައުތްޕޯޓް އަދި އެތާގެ ވަށައިގެންވާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން، އިތުރު ސަމާލުކަންދިނުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
"މި މިނިސްޓްރީގެ އެދުމަކީ އެންމެހައި ފަރާތްތަކުން އިންތިހާއަށް ފަރުވާތެރިވެ، އަބަދުވެސް އެންމެ ފަހުގެ މަޢުލޫމާތު ހޯދަމުން ގެންދިއުމާއެކު، އަމިއްލަ ރައްކާތެރިކަމަށް އިސްކަންދިނުމެވެ." ބަޔާނުގައި ވެއެވެ.
މީގެއިތުރުން އަމަންއަމާންކަން ގެއްލިފައިވާ ސަރަހައްދުތަކާ ދުރުހެލިވެ، އެ ސަރަހައްދުގެ ކަމާބެހޭ އިދާރާތަކުން ދޭ އެންމެހައި އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް ވެސް އިލްތިމާސްކުރައްވާފައި ވެއެވެ.
ހަމަމިއާއެކު މި ހަމަނުޖެހުންތަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ކޮންސިއުލަރ އެހީތެރިކަމެއް ބޭނުންވެއްޖެ ހިނދެއްގައި، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުމަށް ވަނީ އެދިލައްވާފައެވެ.
އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ގުޅޭ މައުލޫމާތު:
ފޯން: (44)02072242135، އީމެއިލް: info@maldiveshighcommission.org