ނަފްސަށްވުރެ ގައުމު އިސްކުރުމަށް ޣައްސާން ނަސޭހަތްތެރިވެއްޖެ

2 months ago

އަފްރާހް

ނަފްސަށްވުރެ ގައުމު އިސްކުރުމަށް، ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްސާން މައުމޫން ހުރިހާ ސިފައިންނަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.


އެމަނިކުފާނު މިފަދައިން ނަސޭހަތްތެރިވެވަޑައިގެންނެވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ދިފާއީ ބާރުގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓް މާޗާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.


މިނިސްޓަރު ވަނީ ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގެ އިތުރު ބޮޅުތައް ވަރަށް އަވަހަށް ފެންނާނެކަމަށް ވެސް ވިދާޅުވެފައެވެ.


"މިފަހަރުގެ ހިނގާލުމަށް ސިފައިން ދުރާލާ ތައްޔާރުވި. ހިނގާލުމުން ދައްކުވައިދެނީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅުގެ ދަށުން، ސިފައިންގެ އިރުޝާދާއެކު ލީޑަރޝިޕުން އަސްކަރިއްޔާގެ ކަންތައްތައް ކުރިއަށްވުރެން ރަނގަޅަށް ބައްޓަން ކުރުމަށް ކުރައްވާ ބުރަ މަސައްކަތް." މިނިސްޓަރު ވިދާޅުވިއެވެ.


މީގެއިތުރުން ރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލް ހިމާޔަތް ކުރުމަށް ދޭ އިސްކަން ކަމުގައި ވެސް ވިދާޅުވިއެވެ.


މިނިސްޓަރު ޣައްސާން މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޚިދުމަތަށް "އެއަރ ކޯ" ތައާރަފު ކުރައްވާފައެވެ. މިއާއެކު ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ދިވެހި އަސްކަރިއްޔާއަށް ވަނީ ލިބިފައެވެ.


އެއަރ ކޯއާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން ވެސް ބޭނުން ކުރަން ފަށާފައިވާއިރު، ކުރިއަށް އޮތްތަނުގައި ޑްރޯން އިތުރުކޮށް، ކަނޑާއި އެއްގަމާއި ވައިގެ އުޅަނދުތައް ސިފައިންގެ ޚިދުމަތަށް އިތުރުކުރައްވާނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

މީގެކުރީ މަނިކުފާނަށް ތިޔަހެންވިދާޅުނުވެވުނީކީއްވެ

2 months ago