ރޮބޯމޭން ދަ މޫވީ ހަދަނީ

5 months ago

އަފްރާހް

ރާއްޖޭގައި ފިލްމާއި ވެބް ސީރީޒް، އިޝްތިހާރު އަދި މުނިފޫހި ފިލުވުމުގެ ތަފާތު އެކި އުފެއްދުންތައް ގެނެސްދޭ، އެންމެ ފުންނާބު އުސް އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ' އޯކޭޒް އިންކް ' އިން "ރޮބޯމޭން - ދަ މޫވީ" ނަމުގައި ފިލުމެއް އުފެއްދުމަށް ނިންމައިފިއެވެ.


މި ފިލްމު އުފެއްދުމަށް ނިންމާފައިވަނީ ހުރިހައި އުމުރުފުރައެއްގެ މީހުން ޝައުގުވެރިވާނެ ގޮތަކަށް މީޑިއާނެޓް ގުޅިގެންނެވެ.


ކުޅަދާނަ ސްޓޯރީ ރައިޓަރ މަހުދީ އަހުމަދުގެ ކްރިއޭޓިވް ސްކްރީންޕްލޭގެ މައްޗަށް ހަދާ މި ފިލްމަށް ބޭނުންވާ އެކްޓަރުން ހޯދުމަށް އޮޑިޝަނެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. އެހެންފަހަރުތަކާއި ޚިލާފަށް ރާއްޖޭގެ ހުރިހައި ހިސާބެއްގައި ވެސް އޮޑިޝަންތައް ބާއްވާ ގޮތަށް ވަނީ ނިންމާފައެވެ.


އިބްރާހިމް ވިސާމް (ކަނޑި) އާއި މުހައްމަދު މުންތަސިރު (މުންކޮ) ގެ ޑައިނަމިކް ޑޫއޯ އިން ޑައިރެކްޓް ކުރާ ' ރޮބޯމޭން ދަ މޫވީ ' ވެގެންދާނީ ގިނަބައެއްގެ މަގްބޫލުކަން ލިބޭފަދަ އުފެއްދުމެއްކަމުގައި ބެލެވެއެވެ. ހާއްސަކޮށް ރޮބޯމޭން އަކީ ކުޑަކުދިންގެ މެދުގައި މަގްބޫލު ކެރެކްޓަރއަކަށްވެފައި، މަހުދީގެ ސްކްރީން ޕްލޭތަކާއެކު ކަނޑި އާއި މުންކޮގެ ތަނަވަސް ޚިޔާލުތައް އެކުވުމުން ދެން އެއަށް މާބޮޑު ފާޑުކިޔުމެއް ނޯންނާނެތީއެވެ.


މި ފިލްމުގެ ޝޫޓިންގ ފަށާނެ ތާރީހެއް އަދި ހާމަކޮށްފައި ނުވިޔަސް ބެލެވޭގޮތުގައި އިންތިޒާރުގެ ނިމުން ލަހެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު