އަންހެން މެމްބަރުންގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ފެންނާނެކަމަށް އުއްމީދު ކުރަން: ރައީސް މައުމޫން

2 months ago

އަފްރާހް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހޮވުނު އަންހެން މެމްބަރުންނަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މަރުހަބާ ވިދާޅުވީ 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައެެވެ.


އެ ޕޯސްޓުގައި ރައީސް މައުމޫން ވިދާޅުވީ މީޑިޔާ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރެއްވި އާމިނަތު ޒިހާނާ އާއި ޢާއިޝަތު ޙަސަން އަށް ވަރަށް ހޫނު މަރުޙަބާ އެއް ދަންނަވާ ކަމަށެވެ.


"ތިޔަ ދެބޭފުޅުންގެ ޚިދުމަތް ވަރަށް ފުޅާ ދާއިރާއެއް ގައި ލިބެމުން ދާނެ ކަމަށް ހީކުރަން." މައުމޫން ވިދާޅުވެފައި ވެއެވެ.


އެމްއެމްސީ ގެ މެމްބަރުކަަމަށް މި ދެ މެމްބަރުން އިންތިހާބުކޮށްފައިވަނީ އެ ކައުންސިލުގެ ހަތް ވަނަ ދައުރުގެ މެމްބަރުންގެ ތެރެއިން އާންމުންގެ ފަރާތުން ތަމްސީލުކުރައްވާ ދެ ފަރާތެއް އިސްތިއުފާ ދެއްވުމުންނެވެ.


އެހެންވެ، އޮގަސްޓު ތިންވަނަ ދުވަހު އިންތިހާބުގައި ވާދަކުރައްވާފައިވާ ހަ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބުކުރެއްވީ އާމިނަތު ޒިހާނާ އާއި އައިޝަތު ހަސަނެވެ. އެ ދެ ބޭފުޅުންނަށް ވެސް 32 ވޯޓު ލިބިލެއްވިއިރު، އެހެން ކެންޑިޑޭޓަކަށް އެއްވެސް ވޯޓެއް ނުލިބެއެވެ.


މި އިންތިހާބުގައި ވޯޓްލުމަށް 50 މީޑިއާއަކުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.


އެމްއެމްސީގެ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. މިއީ ދެ އަހަރުގެ ދައުރަކަށްވާއިރު، އެއްވެސް މެމްބަރަކަށް ޖެހިޖެހިގެން ދެ ދައުރުގައި ނުހުރެވޭނެއެވެ.


ދައުރުގެ މެދުތެރެއިން މެމްބަރަކު ވަކިކޮށް، އިސްތިއުފާދީފިނަމަ، އަލަށް އިންތިހާބުވާ މެމްބަރުންގެ ދެ އަހަރު ގުނާނީ އިންތިހާބުކުރާ ދުވަހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު