އިސްރަށްވެހިންގެ ނާދީ މި ހަފުތާ ވެސް ވަރަށް ބިޒީ

2 months ago

އަފްރާހް

އިސްރަށްވެހިންގެ ނާދީން، އިސްރަށްވެހިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.


މިއަދުން ފެށިގެން އޮގަސްޓް 8 ވަނަ ދުވަހުގެ ނިޔަލަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ގޯލްޑް ކަސްރަތު ޕްރޮގްރާމާއި މަދަހަ ކިޔުމާއި އިސްރަށްވެހިންނަށް ހާއްސަ "ވޯކް ވޯކް" ކަސްރަތު ޕްރޮގްރާމް ހިމެނެއެވެ. މި ހަރަކާތްތައް އޮންނާނީ މިއަދާއި މިރެއެވެ.


މީގެއިތުރުން އުސްތާޛާ ސާމިޔާ ޒަކަރިއްޔާ އާއެކު ސުވާލާއި ޖަވާބު ސެޝަނެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި 6 އޮގަސްޓު ގައި މާޖަހަން ދަސްކޮށްދޭ ކްލާސް އޮންނައިރު، އެ ދުވަހު ހަވީރު، މަދަހަ ކިޔުން ވެސް ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައި ވެއެވެ.


އެއަށްފަހު، ބުދަ ދުވަހުގެ ހެނދުނު ވެސް "ވޯކް ވޯކް" ކަސްރަތު ޕްރޮގްރާމަކާއި ގޯލްޑް ކަސްރަތު ޕްރޮގްރާމް އަދި އިސްރަށްވެހިންގެ ނާދީގެ ކްލަބް ހަފްތާ ސައި ވެސް އޮންނާނެއެވެ. އަދި ހަފުތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މުއާމަލާތްކުރުމުގެ ހުނަރާއި ގުޅޭ ހާއްސަ ސެޝަނެއް ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވުމަށް ނިންމާފައިވެއެވެ. މި ސެޝަން ނަންގަވައިދެއްވާނީ ޢާއިޝަތު ރިޝްތާ އެވެ.


މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު 55 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އެދިލައްވައެވެ.


ކިޔުންތެރިންގެ ހިޔާލު