ބަންގްލަދޭޝްގައި ތިބީ 119 ދިވެހީން، އެންމެންގެ ހާޅު ވެސް ރަނގަޅު: ފޮރިން މިނިސްޓްރީ

2 months ago

އަފްރާހް

ބަންގްލަދޭޝް އަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސް ކުރައްވައިފިއެވެ.


އެ މިނިސްޓްރީން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެގައުމުގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް އިލްތިމާސްވުމަށް އެދޭ ކަމަށެވެ.


މީގެއިތުރުން އެގައުމުގައި މިހާރު ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.


މިގޮތުން މިވަގުތު ބަންގަލަދޭޝްގެ ޗިޓަގޮންގ ގައި ތިބި 83 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި ދަރިވަރަކަށް، ހައިކޮމިޝަނުން ގަވައިދުން ގުޅައި، ބަރާބަރަށް ހާލު ބަލަމުން އަންނަކަމަށް ވެސް އެ ބަޔާނުގައި ވިދާޅުވިއެވެ. އަދި ބަންގްލަދޭޝްގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 119 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ވެސް ވިދާޅުވިއެވެ.


އެ މިނިސްޓްރީން ވަނީ މިވަގުތު ބަންގްލަދޭޝްގައި ބައެއް ވަގުތުތަކުގައި ކާފިއު އިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށް އެދިލައްވާފައެވެ. އަދި އެގައުމުގެ ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަށް ވެސް އިލްތިމާސް ކުރައްވައެވެ.


ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަަށް ފޮރިން މިނިސްޓްރީން އެދިލައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު