ސައިން ލޭންގުއޭޖު ބަސް ދަސްކޮށްދޭ ކޯސް ފަށައިފި

2 months ago

އަފްރާހް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދާ ބޭސިކް ސައިން ލޭންގުއޭޖު ކޯސް ފަށައިފިއެވެ.


މި ކޯހުގައި 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަަމަށް އެ ވުޒާރާ އިން ވަނީ މައުލޫމާތު ދެއްވާފައެވެ.


މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތުން މުއާމަލާތުކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން ފަރުމާ ކޮށްފައިވާ ކޯހެކެވެ. އަދި މި ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ސުންގަޑި މިދިޔަ ޖުލައި 28 ވީ އާދީއްތަ ދުވަހަށް ހަމަވެފައިވާއިރު، ފުރަތަމަ ބުރު ހާއްސަކޮށްފައިވަނީ ސަރުކާރުގެ ވުޒާރާތަކަށެވެ.


ކޮންމެ އިދާރާއަކުން ވެސް މަދުވެގެން ދެ ފަރާތުން ބައިވެރިވުމަށް އެ ވުޒާރާ އިން އެދިލައްވާފައިވާއިރު، މިއީ ސެލްފް-ޕޭސްޑްކޮށް، ދެވިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް ފަރުމާކޮށްފައިވާ ކޯހެކެވެ. މި ކޯސް ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވަނީ ބެޗުތަކަކަށް ބަހާލައިގެން، ކޮންމެ ބެޗެއްގައި 50 ފަރާތް އެކުލެވޭ ގޮތަށެވެ.


އެ ވުޒާރާ އިން ވިދާޅުވެފައިވަނީ މި ކޯހުގެ ސަަބަބުން ރައްޔިތުންނަށް ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށެވެ.


މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމްގެ އިސްނެންގެވުމުގެ މަތިން، ކުރިއަށް ގެންދާ މި ކޯހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކުރުމުގެ މަގްސަދުގައި ފެށި ކޯހެކެވެ. އަދި އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމައުގެ އެކި ކަންކަމުގައި ބައިވެރިވެއުޅުމުގެ ފުރުސަތު އެފަރާތްތަކަށް ވެސް ފަހިކޮށްދިނުމަކީ ވެސް މަގްސަދެކެވެ.


މިކަމާއިގުޅިގެން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެފައިވަނީ މިކޯހުގެ އަމާޒަކީ ހިދުމަތްދޭ ހުރިހާ ތަނެއްގައި ވެސް އިޝާރާތް ބަސް އެނގޭ ބަޔަކު ތަމްރީނުވެ، ހިދުމަތްދެވެން ފެށުންކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު