އެލްޖީއޭގެ ސީއީއޯ، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަގާމަށް

2 months ago

އަފްރާހް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. މަރިޔަމް ޒުލްފާ، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކޮށްފިއެވެ.


އެކަމަނާ އެ މަގާމުން ވަކިކޮށް، ފޮރިން މިނިސްޓްރީ އަށް ބަދަލުކުރައްވާފައިވަނީ އޮގަސްޓު 4 ވަނަ ދުވަހުއެވެ. ނަމަވެސް ސަބަބެއް ހާމައެއް ނުކުރައްވައެވެ.


އެލްޖީއޭގެ ސީއީއޯގެ މަގާމަށް ޒުލްފާ އައްޔަނުކުރެއްވީ ފައިބެއަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.


ޓޫރިޒަމް މިނިސްޓަރުގެ މަގާމު ވެސް މީގެކުރިން ފުރުއްވާފައިވާ ޒުލްފާ، އެލްޖީއޭގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވުމާއި ހަމައަށް ހުންނެވީ އޮސްޓްރޭލިއާގެ މެލްބަންގެ ޑިޕާޓްމަންޓް އޮފް އެނަރޖީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް އެކްޝަންގެ ނޭޝަނަލް ޕާކްސް އެޑްވައިޒަރީ ކައުންސިލްގެ ބޯޑު މެމްބަރެއްގެ ގޮތުގައެވެ.


އޮސްޓްރޭލިއާގެ ކާޓިން ޔުނިވަރސިޓީގެ ކާޓިން ބިޒްނަސް ސްކޫލުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލްކުރައްވާފައިވާ ޒުލްފާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަން އިން މާސްޓަރސް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް ލޯ (އެލްއެލްއެމް) ވެސް ހާސިލް ކުރައްވާފައެވެ.


މީގެއިތުރުން ނިއުޒިލޭންޑްގެ ވައިކާޓޯ ޔުނިވަރސިޓީން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ވެސް ހާސިލްކުރައްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު