ފްލެޓުތަކުގެ ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

2 months ago

އަފްރާހް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.


ހައުސިންގ މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވަނީ މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިންގ ޔުނިޓުތަކުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ (ކުލި) ނުދައްކާ ފަރާތްތައް އެބަތިބި ކަމަށެވެ. އަދި އެފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.


މި އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ގަވައިދާ އެއްގޮތަށް ދެއްކުމަށް ޔުނިޓުތަކުގެ ވެރިފަރާތްތަކަށް އަންގާފައިވީނަމަވެސް ގިނަ ފަރާތްތަކުން އަދިވެސް ފައިސާ ދައްކާފައިނުވާކަން އެ މިނިސްޓްރީން ފާހަގަކުރައްވައެވެ.


މީގެއިތުރުން މި ފައިސާ ދެއްކުމަށް އިލްތިމާސްކޮށްފައިވާ ކަމަށް ވެސް ވިދާޅުވެއެވެ. އަދި ހައުސިންގ ޔުނިޓު ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށާއި ގަވައިދާ ހިލާފަށް ތަނަށް ބަދަލުގެނައުމާއި ކުއްޔަށް ދިނުމާ ގުޅޭ ކަންކަން މިނިސްޓްރީން ބަލައި، ގަވައިދާ ހިލާފު ވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.


ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ހައްސާސް މައްސަލައަކީ ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަން ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ހައްލުކޮށް އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ރައީސްގެ ރިޔާސީ އެންމެ ބޮޑު ވައުދު ވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު