ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ރާއްޖެއިން ބޭރަށް ގެންދަނީ

2 months ago

އަފްރާހް

ހުޅުމާލޭ ވިނަރެސް ފްލެޓުކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އިތުރުފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދަން ނިންމާފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.


'ސަން އޮންލައިން' ގައި ބުނެފައިވަނީ އޭނާގެ ހާލު ސްޓޭބަލް ކަމަށާއި ނަމަވެސް މޫނުމަތީގެ ބައެއް ކަށިތަކަށް ލިބިފައިވާ ގެއްލުން ރަނގަޅު ކުރުމަށް ރާއްޖެއިން އޮޕަރޭޝަން ނުކުރެވޭ ކަމަށް އާއިލާއިން ބުނާ ކަމަށެވެ. އެހެންވެ، ޑޮކްޓަރު ހުއްދަ ދިނުމުން، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ނިންމާފައިވާކަމަށް އާއިލާ އިން ބުނާ ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފައެވެ.


މީގެއިތުރުން ސީޓީ ސްކޭނުން ވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އާއިލާ އާ ހަވާާދީ ބުނެފައި ވެއެވެ.


އެ އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް ބަންދުކޮށްފައިވާއިރު، ދެން ތިބި ދެ މީހުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.


ޖުލައި 30 ވަނަ ދުވަހު ހުޅުމާލޭ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ނޫރަަންމާގެއާގެ، އިކްރާމުއްރަހްމާން އާއި، މ. ލޭންޑްއޮފްގާރޑްން އިބްރާހީމް އިކްރާމާއި، ގއ. ކަނޑުހުޅުދޫ އާޒާދުގެ، ޖިނާހް އިސްމާޢީލްއެވެ.


މީގެ ތެރެއިން އިކްރާމުއްރަހްމާނާއި އިބްރާހިމް އިކްރާމްގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ދެމީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާއިރު، އަނެއް މީހާ ހުޅުމާލެ ކޯޓަށް ހާޟިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.


ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވިނަރެސް ފްލެޓްތައް ކައިރީގައި ކާރަކުން ސައިކަލެއްގައި ޖެހި މި އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މަގުގެ އެއް ފަރާތުގައި ސައިަކލެއްގައި މަޑުކޮށްލައިގެން އިން މީހެއްގެ ގައިގާ ޖެހިގެންނެވެ.


މި ހާދިސާގައި ސައިކަލު މަތީގައި އިން މީހާއަށް އެކިވަރުގެ ޒަޚަމްތަކެއް ލިބި، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށްވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. ޒަޚަމްވެފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.


ކިޔުންތެރިންގެ ހިޔާލު