ހައުސިންގ މިނިސްޓަރަށް މަޖިލީހަށް ވަޑައިގެންނެވޭ ގޮތެއް ނުވި

2 months ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހައުސިންގ މިނިސްޓަރ ޑރ. އަލީ ހައިދަރު އާ ސުވާލުކުރުމަށް އެޖެންޑާ ކުރިނަމަވެސް އެކަން ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ.


އެމަނިކުފާނު މަޖިލީހަށް ހާޟިރުކުރައްވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވުމަށެވެ.


މެމްބަރުގެ ސުވާލުތަކަކީ ބިންވެރިޔާ ސްކީމުން ގޯތި ލިބޭނެކަމަށް ކަނޑައަޅާފައިވާ މީހުންނަށް ގޯތި ހަވާލު ކުރާނީ ކޮން އިރަކުތޯއާއި އޭރު ހިންގި ގެދޮރުވެރިޔާ ސްކީމުން ފްލެޓު ލިބޭނެކަމަށް ކަނޑައެޅި މީހުންނަށް ފްލެޓު ލިބޭނީ ކޮން އިރަކުންތޯއެވެ.


އެހެންނަމަވެސް މިއަދުގެ ޖަލްސާއަށް މިނިސްޓަރަށް ހާޟިރުވެވެން ނެތުމުން، ރިޔާސަތުން ވިދާޅުވީ މިނިސްޓަރަށް ވަޑައިގެންނެވޭ ދުވަހަކަށް ސުވާލު ތާވަލު ކުރައްވާނެ ކަމަށެވެ.


މަޖިލީހުން ރޭ އާންމު ކުރެއްވި އެޖެންޑާގައި ވެސް މިނިސްޓަރާއި ސުވާލުކުރުން ހިމަނާފައިވާއިރު، ފްލެޓުތަކުގެ މައްސަލައިގައި ހާޟިރުވެވެން ނެތްކަމަށް މިނިސްޓަރު އަންގާފައި ވަނީ މިއަދު ހެނދުނެވެ. އަދި އެއީ އާއިލީކަމެއް ކުއްލިއަކަށް ދިމާވެގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


މިއަދުގެ ޖަލްސާ އަށް ޑރ. ހައިދަރު ވަޑައިނުގެންނެވިއިރު، އެންމެ ފަހުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ވެސް ވަޑައިގެންފައި ވަނީ، ދެ ފަހަރެއްގެ މަތީން ބައްދަލުވުމަށް ވަޑައިގަތުމަށް އެންގުމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު