އެމެރިކާ އިން ރާއްޖެއަށް 8.5 މިލިއަން ޑޮލަރުގެ އެހީއެއް

2 months ago

އަފްރާހް

އެމެރިކާ އިން ރާއްޖެއަށް 8.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފިއެވެ.


މިއީ ދެގައުމުގެ ދެމެދުގައި ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް ގެނައި އިސްލާހްގެ ދަށުން ދިން އެހިއެކެވެ.


ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޑީއޯއޭޖީ އެއްބަސްވުމަށް ގެނައި 14 ވަނަ އިސްލާހުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދުއެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއޭއައިޑީގެ މިޝަން ޑިރެކްޓަރ ގެބްރިއަލް ގްރައުއެވެ.


މިއެއްބަސްވުމަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ، ގާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިޤްތިސާދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާކުރުމަށް ދެގައުމުގެ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެކެވެ. ފާއިތުވި އަހަރުތަކުގައި، ކަނޑައެޅިފައިވާ ފައިސާގެ އަދަދު މަޑުމަޑުން އިތުރުވަމުންގޮސް، ފޯރުކޮށްދީ އެއްބަސްވުމުގެ ޖުމްލަ އަގު 45.7 މިލިއަން ޑޮލަރަށް އިތުރުކޮށްފައެވެ.


މި އިސްލާހުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި ރާއްޖޭގެ ޔޫއެސްއެއިޑް މިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު