ސިޗުއާން ޕްރޮވިންސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން ރާއްޖޭގަ

2 months ago

އަފްރާހް

ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން، ހަރ އެކްސެލެންސީ ޒޫ ޗުންޝިއު ރާއްޖެ ވަޑައިގެންފިއެވެ.


މިއީ ދެގައުމުގެ ދެމެދު އޮތް ވިޔަފާރިއާއި އިގްތިސާދީ އަދި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އިސްވެރިންނާއި ސަރުކާރުގެ އެކި ވަޒީރުންނާ ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައިވެއެވެ.


މީގެއިތުރުން ޗައިނާ (ސިޗުއާން) – މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރެންސެއް އޮގަސްޓު 6 ގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.


މި ކޮންފަރެންސްގައި ސިޗުއާން ޕްރޮވިންސްގެ އެކި ދާއިރާތަކުގެ ވިޔަފާރިތަކުން ބައިވެރިވެރިވާއިރު، އޭފެތެރޭގައި ދަނޑުވެރިކަމާއި، މޭވާ އަދި ތަރުކާރީ ސަޕްލައިކުރާ ފަރާތްތައް ހިމެނެއެވެ. އަދި ކާބޯތަކެތި އުފެއްދުމާއި ޕްރޮސެސްކުރުމާއި އެކްސްޕޯޓް އަދި ސަޕްލައިއާ ބެހޭ ވިޔަފާރިތައް ވެސް ހިމެނެއެވެ.


ހަމަމިއާއެކު ކޮންސިއުމަރ ގުޑްސް އަދި ހޯލްސޭލް ވިޔަފާރިތަކާއި، ފަތުރުވެރިކަމާ ބެހޭ ދާއިރާގެ ވިޔަފާރިތައް ވެސް ބައިވެރިވާނެކަމަށް މައުލޫމާތު ލިބެއެވެ.


ރާއްޖޭގެ ޓްރޭޑް މިނިސްޓްރީން ވަނީ މި ކޮންފަރެސްގައި ބައިވެރިވުމުމަށް އެދޭ ދިވެހި ވިޔަފާރިތަކަށް އެ ފުރުސަތު ނިމިދިޔަ ޖުލައި 18 އާއި ހަމަޔަށް ފުރުސަތު ދެއްވާފައެވެ.


މި ކޮންފަރެންސްގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ޗައިނާގެ އެކި ކުންފުނިތަކާ ބައްދަލުކޮށް މުއާމަލާތް ކުރުމުގެ ފުރުޞަތު ލިބި، ވިޔަފާރިއަށް މަގުފަހިވެގެންދާނެއެވެ. މިއީ ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު