މިސަރުކާރުން އިމާރާތްކުރާނީ ރައްޔިތުންނަށް ހިދުމަތްދެވޭ ތަންތަން: ޑރ. ޚަލީލް

2 months ago

އަފްރާހް

މި ސަރުކާރުން އިމާރާތްކުރާނީ ރައްޔިތުންނަށް ހިދުމަތްދެވޭނެ ތަންތަންކަމުގައި ހެލްތު މިނިސްޓަރ ޑރ. ޚަލީލު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުރީ ސަރުކާރުން އެކި ރަށްތަކުގައި އެޅުމަށް ނިންމި ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.


މިނިސްޓަރު ވިދާޅުވީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ތަރައްގީ ކުރަންޖެހޭނީ ރައްޔިތުންނަށް ޚިދުމަތްދެވޭނެ ތަންތަން ކަމަށެވެ. އެހެންނަމަވެސް ކުރީ ސަރުކާރުން އިމާރާތްކޮށްފައި ހުރީ އޮފީސް އިމާރާތްތައް ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން މި ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން އައިސް ވަންނަ އިމާރާތް ވާންޖެހޭނީ ހިދުމަތްދޭ އެންމެ އައު އިމާރާތަށްވުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޑިޒައިނަށް ބަދަލު ގެނެސް، ދެން އިމާރާތް ކުރާނީ އެފަދަ އިމާރާތްތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


"އޭގެ މާނައަކީ ޑޮކްޓަރަށް ދައްކާ ފެސިލިޓީ ހުންނާނީ އެތާނގައި. ލެބޯޓްރީގެ ފެސިލިޓީ ހުންނާނީ އެތާނގައި. ބައު ޢިމާރާތް ބޭނުންކުރެވޭނީ ރީފާބިޝް ކުރުމަށްފަހު އެހެން ބޭނުންތަކަށް." މިނިސްޓަރ ވިދާޅުވިއެވެ.


ހަމަމިއާއެކު ކުރީ ސަރުކާރުން ސިއްހީ ހިދުމަތްދޭ ތަންތަނުގެ ކުރެހުންތައް ކުރަހާފައިހުރީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކާ ނުބައްދަލު ގޮތަކަށްކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ކުރީ ސަރުކާރުން ފަށާފައިވާ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގެ މަސައްކަތް ފެށުމުގައި ހުރި ދަތިތައް ހައްލުކޮށް ވީހާވެސް އަވަހަށް ފެށުމަށް މި ސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު