ކުޑަކުދިންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް، އިހުމާލުވެ، ގޯނާ ކުރާ ފަރާތްތައް ރިޕޯޓްކުރުމުގެ ޒިންމާ

2 months ago

އަފްރާހް

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިނިސްޓްރީއިން ޤާއިމްކުރާ ރިޕޯޓުކުރުމުގެ ނިޒާމުގެ މަޤްޞަދުތަކުގެ ތެރެއިން އެއް މަޤްޞަދަކީ، ކުޑަކުއްޖަކީ މި ޤާނޫނުގެ ދަށުން އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްކަމަށް ބެލެވޭ ޙާލަތުގައި އެކަން ޔަޤީންކުރުމަށްޓަކައި، ސިއްރު ހިފެހެއްޓިފައިވާ، ރިޕޯޓިންގ ނުވަތަ ރިފަރަލް ނިޒާމެއް ޤާއިމުކޮށް، އެފަދަ ކުދިންގެ މައްސަލަތައް ބަލައި، އެ މައްސަލަތަކަށް ޙައްލެއް ހޯދައިދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.


މި ޤާނޫނުގައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންކަމުގައި ބެލެވޭނީ އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައިނުވާ ގޮތަށް އަޅާނުލާ ދޫކޮށްލާފައިވާ ކުދިންނާއި، ކުއްޖާ ރައްކާތެރިކުރުމަށް ނުވަތަ ކުއްޖާއަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށް އިހުމާލުވެފައިވާ ބެލެނިވެރިންނާއެކު ދިރިއުޅެމުންދާ ކުދިންނާއި، ބެލެނިވެރިންގެ ފަރާތުން ނަފްސާނީ ނުވަތަ ޖިސްމާނީ އަނިޔާ ލިބެމުންދާ ކުދިންނާއި މަސްތުވާ އެއްޗަކަށް ދެވިހިފާފައިވާ، އެކަމަށް ފަރުވާހޯދޭނެ ގޮތެއް ނެތިފައިވާ ކުދިންނެވެ.


މީގެ އިތުރުން، އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއްގެ ޝިކާރައަކަށްވެފައިވާ ނުވަތަ އެފަދަ ޢަމަލެއްގެ ޝިކާރައަކަށް ވެދާނެ މާޙައުލެއްގައި ދިރިއުޅެމުންދާ ކުދިންނާއި، ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ އިޖްތިމާޢީ ދުޅަހެޔޮކަމަށް ގެއްލުމެއް ކުރިމަތިކޮށްފާނެ މާޙައުލެއްގައި ދިރިއުޅެމުންދާ ނުވަތަ އެފަދަ މާޙައުލަކަށް ތަޢާރުފުކުރެވިދާނެ ޙާލަތެއް ނުވަތަ ޙާލަތްތަކެއް މެދުވެރިވެފައިވާ ކުދިންގެ އިތުރުން އިހުމާލުވުމުގެ ސަބަބުން ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ގެއްލުންވެފައިވާ ކުދިންވެސް އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންކަމުގައި ބެލެވޭނެއެވެ.


މި ޤާނޫނުގެ ދަށުން ރިޕޯޓްކުރެވޭނެ ފަރާތްތަކުގެ ތެރޭގައި އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުދިންނާއި، ކުއްޖާގެ މައިންބަފައިންނާއި، ކުއްޖާގެ ތިމާގެ މީހުންނާއި އެ ކުއްޖާގެ އަވަށްޓެރިން ހިމެނެއެވެ. މީގެ އިތުރުން، އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުއްޖާގެ ސްކޫލްގެ މުވައްޒަފުންނާއި، ކުއްޖާގެ ޑޮކްޓަރުން ނުވަތަ އެނޫންވެސް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، އެފަދަ ކުއްޖެއްގެ މަޢުލޫމާތު ލިބިފައިވާ އެނޫންވެސް ފަރާތްތައް ހިމެނެއެވެ.


ވަކި ކުއްޖަކަށް، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާކަމަށް ޤަބޫލުކުރެވޭ ކޮންމެ ފަރާތަކުން، އެކަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓުކުރަންވާނެއެވެ.


އެއާއެކު، މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު "ޖިންސީ ގޯނާއެއް" ނުވަތަ "ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ" ނުވަތަ "އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް" ކުރާކަން އެނގިހުރެ، އެކަށީގެންވާ ސަބަބަކާ ނުލައި އެކަން ޚާއްޞަކޮށް ފުލުހުންނަށް ނުވަތަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ނުވަތަ ކުޑަކުދިންގެ މަޞްލަޙަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަކަށް ނާންގައި ހުރުމަކީ ކުށެކެވެ. އަދި މިފަދަ ކުށެއް ހިނގާކަން ނާންގާ މީހެއްގެ އަދަބަކީ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ. މީގެއިތުރުން އެކުށް ރިޕޯޓު ނުކުރުމަށް އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިގަނެފައިވާނަމަ، އެމީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.


ކުޑަކުއްޖަކަށް އަނިޔާއެއް ލިބެމުންދާކަން އެނގިލައްވާނަމަ، ނުވަތަ ޝައްކުކުރެވޭނަމަ ލަސްނުކޮށް 1412 އަށް ގުޅުއްވައިގެން ރިޕޯޓުކުރައްވަންވާނެއެވެ. 


ކިޔުންތެރިންގެ ހިޔާލު