ސާކްގެ ކުރިއެރުމަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެ: ރައީސް

2 months ago

އަފްރާހް

ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް) ގެ ކުރިއެރުމަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.


މި ޔަގީންކަން އެމަނިކުފާނު ދެއްވީ ސާކް ގެ ސެކްރެޓަރީ ޖެނެރަލް، ހިޒް އެކްސިލެންސީ ގޮލަމް ސަރްވާރް، ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސާކްގެ ފަރާތުން މެންބަރު ގައުމުތަކުގެ ކުރިއެރުމަށާއި ފައިދާއަށް ހިންގަވާ އެކިއެކި ޕްރޮގްރާމުތަކުގެ މަޢުލޫމާތު ރައީސް އާ ހިއްސާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމަށް ވަގުތުކޮޅެއް ދެއްވިކަމަށްޓަކައި ރައީސް އަށް ޝުކުރު އަދާކުރެއްވިއެވެ.


ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެ މަނިކުފާނު ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅަށް ތަޢުރީފުކުރައްވައި، ސަރަހައްދީ ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ އުންމީދު ރައީސް ވަނީ އައުކުރައްވާފައެވެ.


ހިޒް އެކްސިލެންސީ ގޮލަމް ސަރްވާރް، ވަނީ 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ، ރާއްޖެއަކީ އެ ޖަމުޢިއްޔާގެ ކުރިއެރުމާއި ތަރައްގީއަށް ނުހަނު ޚިދުމަތްތެރި މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ.


ސާކް ރަސްމީކޮށް އުފެއްދުމަށް ސާކް ޗާޓަރުގައި ސޮއިކުރީ 1985 ޑިސެމްބަރ 8 ވަނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް، ޑާކާގައެވެ. ރާއްޖެއަކީ ސާކްގެ ފައުންޑިންގ މެންބަރު ގައުމެއް ވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު