ޗައިނާ އިން ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނަރީ އާއި ޓެސްޓް ކިޓް ހަދިޔާ ކޮށްފި

2 months ago

އަފްރާހް

ޗައިނާ އިން ރާއްޖޭގެ ދަނޑުވެރިންނަށް ބައެއް މެޝިނަރީ އާއި ޓެސްޓް ކިޓް ހަދިޔާ ކޮށްފިއެވެ.


މިއީ ޗައިނާގެ ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒްގެ ފަރާތުން ހަދިޔާކުރި ތަކެއްޗެވެ.


މިތަކެތި ހަދިޔާކޮށްފައިވަނީ ޗައިނާގެ ސިޝުއާން ޕްރޮވިންސާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާއި އެމްބަސީ އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އާއި ގުޅިގެން މިއަދު ކުރިއަށްދިޔަ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޮންފަރަންސްގައެވެ.


100,000 ޗައިނީސް ޔުއާންގެ އަގު ހުރި މިތަކެއްޗާއި ރަމްޒީގޮތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް އެގްރިކަލް އެންޑް އެނިމަލް ވެލްފެއަރ ޑރ. އައިޝަތު ރަމީލާ އެވެ.


މީގެ އިތުރުން ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ޗައިނާގެ 'ސިޝުއާން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް' އާއި 'ސިޝުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް' އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ.) އެއް ގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ.


މި އެމް.އޯ.ޔޫ ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް އެގްރިކަލް އެންޑް އެނިމަލް ވެލްފެއަރ ގެ ޑިރެކްޓަރ އަލީ އާމިރު އެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ 'ސިޝުއަން ޕްރޮވިންޝިއަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒް' ގެ ފަރާތުން ޗީފް އެގްރޮނޮމިސްޓް Xu Bin އަދި 'ސިޝުއަން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސް' ގެ ފަރާތުން ޕްރެޒިޑެންޓް Mu Jingyi އެވެ.


މި އެމްއޯޔޫގެ މަގްސަދަކީ ރާއްޖޭގެ ވެށީގައި ފަސޭހަކަމާއެކު ހެއްދޭ ތަފާތު ބާވަތްތަކުގެ ފަތްޕިލާވެއްޔާއި ތަރުކާރީ އަދި މޭވާގެ އައު ބާވަތްތައް ރާއްޖެއަށް ތަޢާރަފްކޮށްދިނުމެވެ. އަދި އެބާވަތްތައް ގޮވާންކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަންދީ ނަމޫނާ ދައްކައިދިނުމާއި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީ ކުރުމާއި ގުޅުންހުރި ޒަމާނީ ޓެކްނޮލޮޖީތަކާއި ގުޅޭގޮތުން ލަފަޔާއި އިރުޝާދު ދިނުން ވެސް ހިމެނެއެވެ.


މީގެއިތުރުން ޕްރޮޓެކްޓެޑް އެގްރިކަލްޗަރގެ ސްޕެޝަލިސްޓުންނާއި ސައިންޓިސްޓުންގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށް ކުރިއަށް ގެންދާ، ތަމްރީނު ޕްރޮގްރާމްތަކާއި، ވަރކްޝޮޕް އަދި ސެމިނަރތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ފަހިކޮށްދިނުން ވެސް ހިމެނެއެވެ.


ހަމަމިއާއެކު ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކުރުމަށް، ކަމާއިގުޅުންހުރި އެކި ދާއިރާތަކުން ސަރަހައްދީ ނުވަތަ ބައިނަލްއަގްވާމީ ފެންވަރުގައިއެއްބާރުލުން ދިނުމަކީ ވެސް މަގްސަދެކެވެ.


ކިޔުންތެރިންގެ ހިޔާލު