ދައުލަތުގެ ބާރު ހިނގާނީ ރައްޔިތުންގެ ކިބައިންކަން މި ސަރުކާރުން އަބަދުވެސް ހަނދާންކުރާނެ: ނައިބު ރައީސް

2 months ago

އަފްރާހް

ދައުލަތުގެ ބާރު ހިނގާނީ ރައްޔިތުންގެ ކިބައިންކަން މި ސަރުކާރުން އަބަދުވެސް ހަނދާންކުރާނެ ކަމުގައި ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.


މިފަދައިން އެމަނިކުފާނު ވިދާޅުވީ އޮގަސްޓް 6 ވަނަ ދުވަހުގެ ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.


ނައިބު ވިދާޅުވީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ވެސް އެކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ހަނދާން ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ހަނދުމަފުޅުގައި އަބަދު ވެސް ހަރުލާ ހުންނާނެކަމަށެވެ.


މީގެއިތުރުން ސަރުކާރު ހިންގެވުމުގައި ތިއްބަވާ ހުރިހާ ބޭފުޅުންނަށް ވެސް ރައީސް އަބަދު ވެސް އެ އިރުޝާދު ދެއްވާކަމަށް ވިދާޅުވިއެވެ.


މި އޮގަސްޓް މަހުގެ 7 ވަނަ ދުވަހަކީ ފެހި ގާނޫނުއަސާސީއަށް 16 އަހަރު ފުރޭ ދުވަސްކަން ފާހަގަކުރައްވާ ނައިބު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް އެކުލަވާލެއްވި މެނިފެސްޓޯއަކީ ވެސް، ރައްޔިތުން ބޭނުންވާގޮތަށް، އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އެކި އުމުރުގެ މީހުންނާ ވާހަކަދައްކައިގެން އެ އެންމެންގެ މަޝްވަރާގެ މަތިން އެކުލަވާލެއްވި މެނިފެސްޓޯއެއް ކަމަށެވެ.


"ރައީސް މުއިއްޒު އަކީ ރައްޔިތުންގެ އަޑު އައްސަވާނެ ވެރިއެއް. އެކަމުގެ ޔަގީންކަން އަޅުގަނޑު ދެން ރައްޔިތުންނަށް. އަދި ރައްޔިތުންގެ އަޑު އެއްސެވުމުގައި ރައީސް ފުކެއް ވެސް ފަހަތަށްޖެހިވަޑައި ނުގަންނަވާނެކަމުގެ ޔަގީންކަން ވެސް އަޅުގަނޑުދެން." ނައިބު ވިދާޅުވިއެވެ.


އެމަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާ ފުރަތަމަ ބޭފުޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާނެކަމާ މެދު އެއްވެސް ޝައްކު ނުކުރައްވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު