4 months ago
ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ އެކުދިންގެ މުސްތަގުބަލު އުޖާލާވެ، އެ ކުދިންނަކީ މުޖުތަމައަށް ފައިދާހުރި ބައެއްގެ ގޮތުގައި ބިނާކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަންދޭން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރެއެވެ. ތަޖުރިބާކާރުން ލަފާދެއްވާ ގޮތުގައި ބެލެނިވެރިން އެންމެ ފުރަތަމަ ސަމާލުކަން ދޭންވީ ކަމަކީ ދަރިންނަށް ރައްކާތެރިކަމާއެކު އެކުދިންގެ ޝައުޤުވެރިކަން ހޯދައިދެވޭނެ ގޮތަށް ތަރުބިއްޔަތު ކުރާނެ ގޮތުގެ މިން ކަނޑައެޅުމަށެވެ.
އެގޮތުން އަޚްލާޤީ މިންގަނޑުތަކެއް ކަނޑައަޅައި، އެއާ އެއްގޮތަށް ކުދިން އަމަލުތައް ބައްޓަންކުރުމަށް ބާރުއެޅުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.
ދެވަނައަށް ބެލެނިވެރިން ސަމާލުކަން ދޭންވީ ކަމަކީ ކުދިންގެ ކުރިމަތީގައި ރަނގަޅު ނަމޫނާ ދެއްކުމަށެވެ. ކުދިން ގިނަފަހަރު ދަސްކުރަނީ މައިންބަފައިންގެ ޢަމަލުތަކަށް ބަލައިގެން ކަމަށްވާތީ، ރަނގަޅު ސުލޫކު ދެއްކުމަކީ ކުދިންގެ އަޚްލާޤު ރަނގަޅުކުރުމަށް އެންމެ މުހިންމު އެއް ކަމެވެ.
ތިންވަނަ ކަމަކީ ކުދިންނަށް ތަޢުރީފުކުރުމެވެ. ކުއްޖާގެ ހުރި ނޭދެވޭ ކަންތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ހެޔޮ ސިފަތަކަށް ތަޢުރީފުކޮށް، އެ ސިފަތައް އިތުރުކުރުމަށް މަސައްކަތްކުރުން މުހިންމެވެ. މިގޮތަށް ކަންކަން ކުރުމުން ރަނގަޅު ސިފަތައް މަތީގައި ދެމިހުރުމަށް ކުދިންނަށް ހިތްވަރު ލިބިގެންދާނެ އެވެ. އަދި ރަނގަޅު އާދަތައް އަށަގެންނެވުމުގެ ޝައުގުވެރިކަން ކުދިންގެ ހިތްތަކުގައި ބޮޑުވެގެންދާނެއެވެ.
ދަރިން ތަރުބިއްޔަތު ކުރުމުގައި ކުދިންނާއެކު ވަގުތު ހޭދަކުރުމަށް ސަމާލުކަން ދިނުން ވަރަށް މުހިންމެވެ. މިގޮތުން ކޮންމެ ދުވަހަކީވެސް ކުދިންނާއެކު ޚާއްސަ ވަގުތުކޮޅެއް ހޭދަކުރާ ދުވަހަކަށް ހަދަންވާނެ އެވެ. އެކުދިންނާއެކު ކުޅުމާއި، ފޮތް ކިޔުމާއި، ކުދިން ކުރާ ހިތްވާ ބައެއް ކަންކަން ޝައުގުވެރިކަމާއެކު ކުރުމަކީ މައިންބަފައިންނާއި ކުދިންގެ ދެމެދުގައި ގާތްކަން އިތުރުވެ، ކުދިންނާއި އެކު ރައްޓެހި ބަދަހި ގުޅުމެއް އުފެދިގެންދާނެ ކަމެކެވެ. ކުދިންނަށް ދެވޭ އެންމެ އަގުހުރި ހަދިޔާއަކީ އެކުދިންނާއެކު މައިންބަފައިން ހޭދަކުރާ ވަގުތުކޮޅެވެ.
އެއާއެކު، ކުރިއަށް ދިއުމަށް ދަރިންނަށް ހިތްވަރުދިނުމަކީ ވެސް ނުހަނު މުހިންމު ކަމެކެވެ. ކޮންމެ ހާލަތެއްގައި ކުއްޖާގެ އެންމެ ގާތުގައި މައިން ބަފައިން ތިބޭނެ ކަމަށާއި، އެމީހުންގެ ލޯބި ދެގޮތެއްނުވެ ކުދިންނަށް ލިބޭނެކަމުގެ އިހުސާސް ކުރެވޭވަރަށް އެކުދިންނަށް ކަންކަމުގައި ހިތްވަރު ދޭންވާނެއެވެ.
މިގޮތަށް ކަންކަން ކުރެވޭނަމަ، ދަރިންނަށް ދިމާވާ ހިތްދަތި ކަންކަން، ނުވަތަ ދަތިވާ ކަންކަން ފަސޭހަކަމާއެކު މައިންބަފައިންނާއި ހިއްސާކުރުމަށް ކުދިންނަށް ވެސް ހިތްވަރު ލިބިގެންދާނެ އެވެ. އަދި އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެތައް ގުނައަކުން މައިންބަފައިންނަށް ފަސޭހަވެގެންދާނެއެވެ.