ސިޔާސީ އޮއިވަރުގައި ޖެހި އަނެކާގެ އަބުރު ކަތިނުލާ: ޝާހިދު

2 months ago

އަފްރާހް

އަބުރުކަތިލުމަށް އަސްލެއް ނެތް ވީޑިއޯ އުފެއްދުމަކީ ނާތަހުޒީބުކަމެއް ކަމުގައި ކުރީގެ ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މި ޕޯސްޓު ކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ގުޅޭގޮތުން މީސްމީޑިއާގައި ވީޑިއޯ އެއް ދައުރުވަމުންދާ ވަގުތެއްގައެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ ކޮންމެ މީހަކީ ވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއްކަން ފާހަގަކުރައްވާފައެވެ. އަދި ކޮންމެ މީހެއްގެ ވެސް ޢާއިލާއެއް އޮންނާނެ ކަމަށާއި މައިންބަފައިން، ފިރިން އަނބިން ދަރިން ތިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފްރަތުގައިޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލުމަށް ހަގީގަތާއި ހިލާފު ވާހަކަތައް އުފައްދައި، ފެތުރުމަކީ ތަހުޒީބީ އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށް ވެސް އެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.


އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިއޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއް ކަމަށާއި އެކި ފަރާތްތަކުގެ އަބުރުކަތިލުމަށް ހަގީގަތާއި ‏ޚިލާފު ދޮގު ވާހަކަ ފެތުރުމަކީ ވެސް ބަލައިގަނެވިގެންވާނެ ކަންކަމެއް ނޫން ކަމަަށް ވެސް ވިދާޅުވެފައި ވެއެވެ.


ހަމަމިއާއެކު މިފަދަ ޢަމަލުތައް ކުށްވެރިކުރުމުގެ ހިތްވަރު ކޮންމެ މީހެއްގެ ކިބައިގައި ވެސް ހުންނަންޖެހޭ ކަމަށާއި އަމިއްލަ މަންފާއަށްޓަކައި ވަކި ބަޔަކު މުޅި މުޖުތަމަޢުގެ ފޭރާން ވީދާ ޚަރާބު ކުރާއިރު އެކަމާއި ދެކޮޅަށް ބަސްނުބުނެ ތިބެގެން ނުވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އަދި މި ފަދަ ނުބައި ޢަމަލުތައް ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު