ޕެޕޭ ބައިނަލްއަގްވާމީ ފުޓްބޯޅަ އާ ދުރަށް!

2 months ago

އަފްރާހް

ރެއާލް މެޑްރިޑާއި ޕޯޗުގަލްގެ އިތުބާރު ޑިފެންޑަރ ޕެޕޭ ބައިނަލްއަގްވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.


އެކަން އިއުލާންކޮށް މީސްމީޑިއާ އަށް އޭނާ ދޫކޮށްލި މެސެޖުގައި ވަނީ އޭނާ ކުޅުނު ކުލަބުތަކުގެ ރައީސުންނާއި ފެޑެރޭޝަންގެ ރައީސުންނަށް ޝުކުރުއަދާކޮށްފައެވެ. އަދި އޭނާއަށް ކުރި އިތުބާރަށާއި ދިން ފުރުސަތަށް ވެސް ޝުކުރުއަދާކޮށްފައި ވެއެވެ.


މީގެއިތުރުން އޭނާގެ އެޖެންޓުންނަށާއި އެކުގައި ކުޅުނު ހުރިހާ ކުޅުންތެރިންނަށާއި ކުލަބުތަކުގެ ކޯޗުންނަށް ވެސް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކޮށްފައި ވެއެވެ.


އުމުރުން 18 އަހަރުގައި 2001 ވަނަ އަހަރު ޕޯޗުގަލްގެ މަރިޓިމޯ ކުލަބުން ސީނިއަރ ކެރިއަރގެ ފުޓްބޯޅަ ފަށައި، އޭނާ ވަނީ އެ ކުލަބަށް 63 މެޗު ކުޅެދީ، އެޓީމަށް 3 ލަނޑު ޖަހައިދީފައެވެ.


އެއަށްފަހު، ޕޯޓޯއާއެކު ތިން އަހަރު ހޭދަކުރިއިރު، 87 މެޗު، 8 ލަނޑު ޖަހާދީފައި ވެއެވެ. އަދި އެ ޓީމާ ދެ ފަހަރަށް ގުޅުނުއިރު، ދެވަނަ ފަހަރަކަށް ސޮއިކުރީ 2018 ވަނަ އަހަރުއެވެ. އޭނާ ވަނީ ޕޯޓޯގެ ޖާރޒީގައި ހަތަރު ފަހަރަށް ލީގު ތަށި އުފުލާލާފައެވެ.


ރެއާލް މެޑްރިޑުގައި ކުޅުނު ދުވަސްވަރު، ޕެޕޭ ވަނީ ގިނަބައެއްގެ މަގުބޫލުކަން ހޯދާފައެވެ. އަދި އެޓީމުގެ ޖާރޒީގައި 334 މެޗު ކުޅެފައިވާއިރު، 15 ލަނޑު ވެސް ޖަހައިދިނެވެ. އަދި އެޓީމުން ސްޕެނިޝް ލަލީގާ ހަތަރު ފަހަރު، ކޮޕާ ޑެލްރޭ ދެ ފަހަރު، ސްޕެނިޝް ސުޕަރ ކަޕް ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު ދެ ފަހަރަށް ކާމިޔާބުކުރިއިރު، ޕެޕޭގެ ހިއްސާ ބޮޑެވެ.


މީގެއިތުރުން ޔޫއެފާ ސުޕަރ ކަޕް އެއް ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރަށް އޭނާ ކާމިޔާބުކުރިއެވެ.


ޕޯޗުގަލްގެ ގައުމީ ޓީމަށް 2007 ވަނަ އަހަރު ކުޅެން ފެށި ޕެޕޭ، ގައުމީ ޖާރޒީގައި 141 މެޗު ކުޅެފައިވާއިރު، ގައުމީ ޓީމާއެކު އޭނާ ޔޫރޯ 2016 މުބާރާއި ނޭޝަންސް ލީގުގެ ތަށި އުފުލާލާފައި ވެއެވެ. އަދި 2016 ވަނަ އަހަރު ޕޯޗުގަލްއިން ޔޫރޯގެ ތަށި އުފުލާލިއިރު، އެ މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ޕެޕޭއެވެ.


ޕްރޮފެޝަނަލް ފުޓުބޯޅައިގައި 23 އަހަރު އެންމެ މަތީ ފަންތީގައި ކުޅުމަށްފަހު ޕެޕޭ ރިޓަޔަރކުރިއިރު، ކްލަބް ލެވެލްގައި އޭނާ ވަނީ 742 މެޗު ކުޅެފައެވެ.


އުމުރުން 41 އަހަރުގައި ޕެޕޭ މަތީ ފެންވަރުގައި ފުޓުބޯޅަކުޅުން ހުއްޓާލަން ނިންމިއިރު، އޭނާ އެންމެފަހުން ކުޅުނީ ޕޯޗުގަލްގެ ޕޯޓޯއަށެވެ.


ކިޔުންތެރިންގެ ހިޔާލު