މަންމާފުޅު އެނބުރި ގައުމަށް ވަޑައިގެން އިންތިހާބު ކާމިޔާބުކުރައްވާނެ: ސަޖީބު

2 months ago

އަފްރާހް

ބަންގްލަދޭޝްގައި އައު ސަރުކާރެއް އުފެއްދުމާ ދެކޮޅު ކަމަށާއި އެގައުމުގެ ބޮޑުވަޒީރަކީ އަދިވެސް ޝެއިޚް ހަސީނާ ކަމުގައި އެކަމަނާގެ ދަރިކަލުން ސަޖީބް ވާޒިދު ވިދާޅުވެއްޖެއެވެ.


ރިއުޓަރސް އަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ މަންމާފުޅު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އިންތިހާބުގައި ބައިވެރިވެވަޑައިގެން، ކާމިޔާބު ވެސް ހޯއްދަވާނެ ކަމަށެވެ.


އެގައުމުގައި އިންތިގާލީ ސަރުކާރެއް ގާއިމުކުރީ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި ޝެއިހް ހަސީނާ އިސްތިއުފާދެއްވުމުންނެވެ.


އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރުގެ ގޮތުގައި ޔޫނުސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ބަންގްލަދޭޝްގެ ރައީސްގެ ގެކޮޅު، ބަންގަބަންގައެވެ. ހުވާ ލައިދެއްވީ ރައީސް މުޙައްމަދު ޝަހާބުއްދީނެވެ. ޗީފް އެޑްވައިޒަރުގެ މަގާމަކީ ހާލަތުގެ ގޮތުން ބޮޑުވަޒީރުގެ މަގާމާ އެއް ފެންވަރެއްގެ މަގާމެކެވެ.


އެ ރަސްމިއްޔާތުގައި ބޭރުގެ ޑިޕްލޮމެޓުންނާއި މަދަނީ ޖަމިއްޔާތަކުގެ މެމްބަރުންނާއި އިސް ވިޔަފާރިވެރިން ވަބީ ބައިވެރިވެފައެވެ. އަދި ކުރިން އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޕާޓީގެ މެމްބަރުން ވެސް ވަނީ ބައިވެރިވެފައެވެ.


އެހެންނަމަވެސް ޝެއިހް ހަސީނާގެ އަވާމީ ލީގުގެ އެއްވެސް ބޭފުޅަކު މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެއް ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.


ބަންގްލަދޭޝްގެ އިންތިގާލީ ސަރުކާރުގެ ކެބިނެޓުގައި 16 ބޭފުޅަކު ހަމަޖައްސަވާފައިވާއިރު، މި ހުރިހާ ބޭފުޅުން ވެސް ވަނީ ހުވާކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު