ދަރިފުޅަކު ފޮސްޓަރ ކުރަން ބޭނުންތަ؟

2 months ago

އަފްރާހް

ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރެއިން ފޮސްޓަރކުރެވޭ ކުދިންނަށް އެ ފޮސްޓަރ ކުރި ބެލެނިވެރިން ލޯތްބާއި އަޅާލުން ފޯރުކޮށްދޭންވާނެއެވެ. 


މިގޮތުން، ކުދިން ބެލެހެއްޓުމަށް ހަވާލުކުރެވޭ ފަރާތެއްގެ ކިބައިގައި ގަވާއިދު ނަންބަރު 2024/R-17 (ދައުލުތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރުމާބެހޭ ގަވާއިދުގެ މާއްދާ 10) ލާޒިމުކުރާ އަންނަނި އާންމު ޝަރުތުޠައް ހުންނަންވާނެއެވެ. 


އެއީ:


1. ދިވެހި ރައްޔިތަކު ކަމުގައި ވުން؛


2. މީލާދީގޮތުން އުމުރުން 25 (ފަންސަވީސް) އަހަރާއި 70 (ހަތްދިހަ) އަހަރާ ދެމެދުގެ މީހަކު ކަމުގައި ވުން؛


3. ޢާއިލާއެއް ބެލެހެއްޓޭވަރުގެ އާމްދަނީއެއް ލިބޭ ފަރާތެއް ކަމުގައި ވުން؛


4. ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ ފަރާތެއް ކަމުގައި ވުން؛


5. ކުއްޖާ ބެލޭވަރުގެ ޤާބިލުކަން ހުރި ފަރާތެއްކަމުގައިވުން؛


6. ކުޑަކުއްޖަކަށް ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ނުވަތަ ޖިސްމާނީ އަނިޔާއެއް ނުވަތަ ނަފްސާނީ އަނިޔާއެއް ކުރިކަން ނުވަތަ އިހުމާލުވެފައިވާކަން ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ އެފަދަ ޢަމަލެއް ހިންގައިފައިވާ ނުވަތަ އެފަދަ ކުށަކަށް އެއްވެސް ސިފައެއްގައި އެހީތެރިވެދީފައިވާ ފަރާތެއްކަމުގައި ނުވުން؛


7. ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން، އެއްވެސް ކުށެއް ކުރިކަމުގެ ރިކޯޑެއް، ފާއިތުވި 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި ދައުލަތުގެ އެއްވެސް އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛


8. ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ޖިނާއީ ބޮޑު ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ އެފަދަ ކަމެއްގެ ޙުކުމް ތަންފީޒުކުރަމުންދާ ނުވަތަ އެފަދަ ދަޢުވާއެއް އުފުލިފައިވާ ނުވަތަ ތަޙުޤީޤު މަރުޙަލާއެއްގައި ނުވަތަ އެއްވެސް އިރެއްގައި ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް ތަޙުޤީޤީ އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން؛


9. ތަޙުޤީޤީ އިދާރާއެއްގައި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ވޭތުވެދިޔަ 10 (ދިހައެއް) އަހަރުދުވަހުގެ ތެރޭގައި ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ އެފަދަ ކަމެއްގެ ޙުކުމް ތަންފީޒު ކުރަމުންދާ ނުވަތަ އެފަދަ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާކަމުގެ އެއްވެސް ރިކޯޑެއް އޮތް ފަރާތެއް ކަމުގައި ނުވުން؛


10. ސާބިތު ދަރަނީގެ މައްސަލައެއްގެ ނުވަތަ ސާބިތު ޚަރަދުގެ މައްސަލައެއްގެ އެއްވެސް ރިކޯޑެއް، ފާއިތުވި 10 (ދިހައެއް) އަހަރު ދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި އިދާރާއެއްގައި އޮތް ފަރާތެއް ކަމުގައި ނުވުން.


މަތީގައި ބަޔާން ކުރެވިފައިވާ އާންމު ޝަރުޠުތައް ފުރިހަމަކުރުމުގެ އިތުރުން އަންނަނިވި ޝާރުޠުތައް ވެސް ދަޢުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކޮށްދޭ ފަރާތްތަކުން ފުރިހަމަވާންވާނެއެވެ. (ގަވާއިދުގެ މާއްދާ 11)


1. އެފަރާތަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ މައިންބަފައިން ކަމުގައި ވެގެންނުވާނެއެވެ. އަދި، ޝަރުޢީ ބަލަދުވެރިޔަކު ކަމުގައި ނުވުން؛


2. ފޮސްޓަރ ޕެނަލުގެ މެންބަރަކު ކަމުގައި އެފަރާތެއް ވެގެން ނުވާނެއެވެ. ފޮސްޓަރ ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި މަސައްކަތްކުރުމުގައި ޒިންމާ ނަގާ ފަރާތްތައް، ނުވަތަ މަސައްކަތްކުރާ މަސައްކަތްކުރުމުގައި ޒިންމާ ނަގާ ފަރާތްތައް، ނުވަތަ މިނިސްޓްރީ ހިންގުމާ ހަވާލުވެހުރި ވަޒީރު ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ހިންގުމާ ހަވާލުވެހުރި ފަރާތް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާ ހަވާލުވެހުރި ސިޔާސީ ފަރާތެއްކަމުގައިވެސް ވެގެންނުވާނެއެވެ. އިސްވެ ބަޔާންކުރި މަގާމަކުން ނުވަތަ މަގާމުގެ މަސައްކަތުން ވަކިވިތާ 3 (ތިނެއް) މަސްދުވަސް ހަމަވެފައިވާ ފަރާތެއް ކަމުގައި ވުން.


އެހެންކަމުން، ދަޢުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ފޮސްޓަރކުރަން ޤަސްތުކުރާނަމަ މި ލިޔުމުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކުރަންވާނެއެވެ.


"ކޮންމެ ކުއްޖަކަށް ޢާއިލާއެއް" މި ޕްރޮގްރާމަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރު ފުރިހަމަ ކުރުމުގެ ގޮތުން، ކޮންމެ ކުއްޖަކީ ވެސް ޢާއިލީ ވެއްޓެއްގެ ހިމާޔަތާއި، ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުމަށް ކުރިއަށްގެންދެވޭ މުހިންމު ޕްރޮގްރާމެކެވެ.


ވަގުތީ ފޮސްޓަރިންނާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނަންބަރު 1433 އަށް ގުޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު