ޝަމީމުގެ މައްސަލަ ދިރާސާކުރަން ކޮމެޓީ އަށް

2 months ago

އަފްރާހް

ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.


ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރ ހުޅުދޫ ދާއިރާގެ މެމްބަރ މުހައްމަދު ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ފޮނުއްވާފައިވާ ސިޓީ ވަނީ އިއްޔެ ކުރިޔަށްދިޔަ ޖުޑީޝަރީ ކޮމިޓީއަށް އިއްވާފައެވެ. އަދި އެމައްސަލަ ދިރާސާކުރަން ފެންނަކަމަށް ކޮމިޓީން ފާސްކުރެއްވީ މެމްބަރުންގެ އިއްތިފާގުންނެވެ.


އެއާއެކު ޕީޖީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި، ޖުޑީޝަރީ ކޮމިޓީން ވަނީ އެމައްސަލަ ޖަލްސާގެ ތަޅުމުގައި އިއްވުމަށް އެދި މަޖިލީހުގެ ރައީސްއަށް ސިޓީ ފޮނުއްވާފައެވެ. އެހެންވެ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން އެމައްސަލަ ވަނީ ތަޅުމަށް ހުށަހަޅާފައެވެ.


ޖުޑީޝަރީ ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީ، މަޖިލީހުގެ އަމީން އާންމު ތަޅުމުގައި އިއްވާފަައިވާއިރު، އެ ސިޓީގައިވަނީ ޕީޖީ ޢަމަލުކުރަންވާނީ އެއްވެސް ފަރާތަކަށް ބުރަ ނުވެ މިނިވަންކަމާއެކުކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް 13 އޮގަސްޓް ގައި ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައިގައި ގާނޫނު އަސާސީ އާއި ގާނޫނާ ޚިލާފަށް އެތައް ކަމެއް ޕީޖީ ޝަމީމު ކުރައްވާފައިވާކަމަށް ފާހަގަކޮށްފައި ވެއެވެ.


މިތުހުމަތުތަކުގެ ތެރޭގައި މީގެކުރިން ޖުޑީޝަރީ ކޮމިޓީއަށް ވިސްލް ބްލޯވަރއެއް ހުށަހަޅާފައިވާ ސިޓީގައި ހިމެނޭ ތުހުމަތުތަކެއް ވެސް ހިމެނޭކަމަށެވެ. އެގޮތުން ރޭޕްގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްސަލަ ފައިލްކުރުމާއި ކުރީގެ ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފްގެ މައްސަލަ ފައިލްކުރުމާއި ސަފާރީ ރޭޕްކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފުނުކުރަން ނިންމުން ހިމެނެއެވެ.


މީގެއިތުރުން މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރ އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިންގ ދައުވާ އަނބުރާ ގެނައުމާއި މީހުން ޓްރެފިކް ކުރުމާއި ކުޑަކުދިން ޓްރެފިކް ކުރުމުގެ 4 މައްސަލައެއް އަނބުރާ ގެނައުމާއި ބަނގުރާ ބުއިމުގެ ގިނަ މައްސަލަތަކެއް އަނބުރާ ގެނައުމާއި، ބަނގުރާ ގެންގުޅުމަކީ ކުޅޭކަމަކަށް ހަދާ ބަނގުރާ ބުއިމާއި ބަނގުރާ ގެންގުޅުމުގެ ގިނަ މައްސަލަތަކެއް އަނބުރާ ގެނައުން ވެސް ހިމެނެއެވެ.


ޕީޖީ ޝަމީމްގެ މައްޗަށް އިތުރަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ޕީޖީ އޮފީހުގެ މުވައްޒަފެއްގެ މައްޗަށް ކުރެވޭ އެއް ޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ރަސޫލާ އަށް ފުރައްސާރަކުރުމުގެ ތުހުމަތުތަކުގެ މައްސަލަ ބެލުމަށް ދެކޮޅު ހެދުން ހިމެނެއެވެ. އަދި ޕީޖީ ޝަމީމްއާ ގާތްގުޅުމެއް އޮންނަ އެހެން ފަރާތްތަކުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގުމުގެ އެހެން މައްސަލައެއްގައި ދައުވާނުކޮށް ފައިލްކުރަން ނިންމުން ވެސް ހިމެނެއެވެ.


ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 2019 ޑިސެމްބަރ 8 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި ޝަމީމަށް ވަނީ ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމުމާއި ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތަކެެއް ގެންގުޅުމާއި ރާއްޖެއިން ބޭރުގެ ދަތުރުތައް ދިނުމާއި މަގާމުތައް ދިނުމުގައި ތަފާތުތައް ގެންގުޅޭ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު