ލޭނު މަސްވެރިކަން ކުރަން ހުއްދަދިނުމާ ރައީސް ނަޝީދު ދެކޮޅު

2 months ago

އަފްރާހް

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުއްދަދިނުމާއި ދެކޮޅުކަމުގައި ފަހުމްވާ މޭރުމުން ކުރީގެ ރައީސް މުހައްމަު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.


'އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ލޭނު އަޅައިގެން މަސްވެރިކަން ކުރުމަކީ މަޑިއާއި ކޯމަހާއި މިޔަރާއި ކަނޑުމަތީ ދޫނިތައް ވެސް ހިފޭނެ ކަމެއް ކަމަށެވެ. އަދި އެއީ މަސްވެރިކަމާއި ފަތުރުވެރިކަމަށް ގެއްލުންވާނެކަމެއް ކަމަށެވެ.


ރައީސް ނަޝިދު މިފަދައިން ވިދާޅުވެފައި މިވަނީ ލޭނުގެ މަސްވެރިކަން ރާއްޖޭގައި ކުރެވޭ ގޮތަށް ފިޝަރީޒް މިނިސްޓްރީން ގަވާއިދު ހަދައި، އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ.


މިކަމަށްް އާންމުން ވެސް ދެކޮޅު ހަދަމުން އަންނައިރު، ލޭނުގެ މަސްވެރިކަމާއި ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް އަަންނަނީ ކުރަމުންނެވެ. މިއީ އޮންލައިން ޕެޓިޝަނެކެވެ.


ފިޝަރީޒް މިނިސްޓްރީން ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވަނީ ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ސަރުކާރުން ހުޅުވާލީ ފާއިތުވެދިޔަ އަހަރުތަކުގައި ލޭނުގެ މަސްވެރިކަމުން ލިބުނު ތަޖުރިބާއަށް ބެލުމަށްފަހު ކަމަށެވެ. އަދި މިއީ ދިވެހިންނަށް ފައިދާހުރި އަދި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރާ މަސްވެރިކަމެއްކަން ކަށަވަރުކުރުމަށް ހާއްސަ މައްދާތަކެއް ހިމަނައިފައިވާނެ ކަމަށެވެ.


އެގޮތުން ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަދޭ އުޅަނދުތަކުގައި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކޮންމެހެން ހުންނަންޖެހޭ ހަމަތަކެއް ގަވާއިދުގައި ބަޔާންކޮށްފައިވާނެ ކަމަށް ވިދާޅުވެއެވެ.


އުޅަނދުގައި ކުރާ މަސްވެރިކަމުގެ ހަރަކާތްތައް ރަނގަޅަށް މޮނިޓަރކޮށް ބެލެހެއްޓުމުގެ ގޮތުން އުޅަނދުގައި ވެސަލް ލޮކޭޓިންގ ޑިވައިސްއަކާއި އިލެކްޓްރޯނިކް މޮނިންޓަރިންގ ސިސްޓަމެއް ހަރުކޮށް، ކޮންމެ މަސްދަތުރަކަށް ފުރުމުގެ ކުރިން ޑިޕާޗަރ ކްލިއަރެންސް ހޯދުމަށް ލާޒިމު ކޮށްފައިވާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު